ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން މިހާތަނަށް 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅެއްޖެއެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން ފެށީ، ސެޕްޓެމްބަރު 28ވަނަ ދުވަހުއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ 3879 ފަރާތަކާއެކު ވަނީ ފްލެޓު އެއްބަސްވުން ގާއިމްކުރެވިފައިކަމަށެވެ. އަދި އެއްބަސްވުން ހެދިފައިވާ ހުރިހާ ފަރާތްތަކާވެސް ޖަނަވަރީމަހު ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފްލެޓު ހަވާލުކުރުން ލަސްވެގެންގޮސްފައިވަނީ އެއްބަސްވުމުގައި ފެނާއި ކަރަންޓުގެ މަސައްކަތްތައް ހިމެނިފައިނުވުމުން ކަމަށެވެ. ވަޒީރު ވަނީ މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްކޮށްފައިވާކަން ފާހަގަކޮށްފައެވެ.
"މި ސަރުކާރު ހަވާލުވީއިރު މަސައްކަތް ނިމިފައިވަނީ %33، 2 އަހަރު ތެރޭ %68 މަސައްކަތް ނިންމާ، ފެނާ ކަރަންޓު ގުޅުމުގެ މަސައްކަތް ނިންމާ، ލޭންޑު ސްކޭޕިންގެ މަސައްކަތް ނިންމާ، މިހާރު ފްލެޓުތައް ހަވާލުކުރަމުން އެދަނީ،" ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ.
ތަޅުދަނޑި ހަވާލުކުރަނީ، އެއްބަސްވުމުގައި ސޮއިކޮށް، ޑިޕޮސިޓް ފައިސާ ދެއްކުމުންނެވެ. ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމަވާފައެވެ. ސަރުކާރުން ފްލެޓްތައް ހަވާލުކުރަނީ ފިނިޝިން ހުރިހާ މަސައްކަތެއްވެސް ނިންމުމަށްފަހުއެވެ.
މި ފްލެޓުތައް ލިބުނު ފަރާތްތަކުން ދައްކަންޖެހޭ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދިނުމަށް ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އެ އަގުތަކަށް ބަދަލުގެނެސްފައެވެ. އެގޮތުން، މިހާރު 3 ކޮޓަރީގެ އެޕާޓްމަންޓުތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 8،500 ރުފިޔާ އަދި ކުލީގެ ގޮތުގައި މަހަކު 10،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ޑައުންޕޭމަންޓަށް 6،000 ރުފިޔާ އަދި މަހު ކުލީގެ ގޮތުގައި 7،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ އަގުތައް ކުޑަކޮށްދެއްވާފައެވެ.
މި ގެނައި ބަދަލުތަކާއެކު މިހާރު ޑައުންޕޭމަންޓުގެ ގޮތުގައި ކުރީގެ އަގުތަކާ އެއްގޮތަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެ ފްލެޓެއްގެ ޑައުންޕޭމަންޓަށްވާ އަދަދު ކެނޑުމަށްފަހު ބާކީވާ ފައިސާ މަހު ކުލިން އުނިކުރުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުން ނިންމާފައިވާގޮތުގައި ތަޅުދަނޑި ހަވާލުކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހެއެވެ. ނަމަވެސް އެ މުއްދަތުގައި ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހެއެވެ.