ޚަބަރު

14 އަހަރުންދަށުގެ ޗެމްޕިއަންޝިޕު ފެބްރުއަރީ 6 ގައި


މުޅިން އަލަށް ފަށާ 14 އަހަރުންދަށުގެ ޗެމްޕިއަންޝިޕު ފެބްރުއަރީ 6 އެއްގައި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން މުޅިން އަލަށް ފަށާ 14 އަހަރުންދަށުގެ ޗެމްޕިއަންޝިޕު އަންނަ ފެބްއަރީމަހުގެ 6 ވަނަ ދުވަހު ފަށާގޮތަށް ހަމަޖައްސައިފިއެވެ.

އެފްއޭއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ 14 އަހަރުންދަށުގެ ޗެމްޕިއަންޝިޕު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ފަށާގޮތަށް ހަމަޖެހިފައިވާކަމަށެވެ. މިމުބާރާތުގެ ބޭނުމަކީ ރާއްޖޭގައި ހުނަރުވެރި ޒުވާން ކުޅުންތެރިން އުފެއްދުމާއި ގްރާސްރޫޓް ފުޓްބޯޅަ ދިރުވާ އާލާކުރުންކަމަށްވާއިރު، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މުޅިން އަލަށް އަންނަ އަހަރު ފަށާ 14 އަހަރުންދަށުގެ ޗެމްޕިއަންޝިޕުގައި ވާދަކުރެވޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ އަދި އެފްއޭއެމްގެ އެކަޑަމީ އެކްރެޑިޓޭޝަން ކްރައިޓީރިއާ ފުރިހަމަކޮށްފައިވާ އެކަޑަމީތަކަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މި ފެށޭ ޖެނުއަރީމަހުގެ 11 ވާ އާދިއްތަދުވަހުގެ 15:00 އަށް ހަމަވާނެވެ. އެފްއޭއެމްގެ އެކަޑަމީ އެކްރެޑިޓޭޝަން ކްރައިޓީރިއާ ފުރިހަމަ ނުކުރާ އެކަޑަމީތަކުން، މިމުބާރާތުގައި ބައިވެރިވުމަށްފަހު އެކަޑަމީ އެކްރެޑިޓޭޝަން ފުރިހަމަކުރުމަށް ފުރުސަތު ދެވޭނެކަމަށްވެސް އެފްއޭއެމްއިން ބުނެފަވެއެވެ.

އެފްއޭއެމްގެ 14 އަހަރުންދަށުގެ ޗެމްޕިއަންޝިޕަކީ އެއެސޯސިއޭޝަނުން ޒުވާން ކުޅުންތެރިން އުފެއްދުމަށް ކަނޑައަޅާފައިވާ ދިގުރާސްތާ ޕްލޭންގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، ޒަމާނީ ފެންވަރުގައި ފުޓްބޯޅަ ތަރައްގީކުރުމެވެ. އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިކުޅިވަރު ފުޅާކޮށް ވަރުގަދަ ބިންގަލެއްގެ މަތީގައި މިކުޅިވަރު ތަރައްގީކުރުމަކީ އެފްއޭއެމްގެ އަމާޒެކެވެ.