ޚަބަރު

ސިރަޕްފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ މީހަކާއި 57 އަހަރުގެ މީހެއް

  • 2 މީހުންގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފައި

ރާއްޖެއަށް އެތެރެކުރި މުދާތަކެއްގެ ތެރޭގައި މަސްތުވާތަކެތި އަޅާފައި ހުރި ފުޅިތަކެއް ފެނުނު މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއް މިމަހުގެ 25 ވަނަ ދުވަހު ކަސްޓަމްސް އިން ބަލައިފާސްކުއިރު އެމުދާތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ފުޅިތަކެއް ފެނިފައިވާ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި އުމުރުން 47 އަހަރުގެ އަޙްމަދު ޢަލީއާއި ގދ.ތިނަދޫ، ގޯލްޑަން ހައުސް އުމުރުން 57 އަހަރުގެ މުޙައްމަދު ޢާދިލްްއެވެ.

މި ދެމީހުންގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގައެވެ. އަދި މުޙައްމަދު ޢާދިލް ހައްޔަރުކޮށްފައިވަނީ އިއްޔެއެވެ. 27 އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފަކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.