ވީއައިއޭ އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެެވެ.
އެމްއޭސީއެލްއިން ވިދާޅުވީ މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭއިރު މިއީ މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ހިދުމަތް ދޭނެ ދެވަނަ ދުވަސްކަމަށެވެ.
އެމްއޭސީއެލްއިން ވިދާޅުވީ މިއަދު ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން 22142 ފަސިންޖަރުންނަށް ހިދުމަތް ދޭނެކަމަށެވެ. އެއީރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އަންނަ 11,107 ފަސިންޖަރުންނެވެ. މީގެއިތުރުން ޑޮމެސްޓިކް ޓާމިނަލުން މިއަދު ޖުމުލަ 4,843 ފަސިންޖަރުންނަށް ހިދުމަތް ދޭނެއެވެ. އެއީ މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުންނެވެ.
މީގެ އިތުރުން މިއަދު 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވޭނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ މިއަދަކީ އެއާޕޯޓުގެ ތާރީހުގައިވެސް އެންމެ ބާރު ބޮޑު އެއް ދުވަސްކަމަށެވެ. ނަމަވެސް ކިއުތަކުގައި ފަސިންޖަރުން ތިބެންޖެހޭ ވަގުތު އިތުރުވުން ކުޑަކޮށް, ހިދުމަތް އަވަސް ކުރުމަށްވެސް ޕްލޭންތައް ރާވައިގެން ކުރިއަށް ގެންދާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އަދި އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް ފަސިންޖަރުންނަށް އާ ޓާމިނަލުން ލިބޭ ތަޖުރިބާ ރަނގަޅުވުމަކީ ލިބޭ އުފަލެއްކަމަށް އޭނާ ވިދާޅުވިއެވެ.
ވެލާނާ އެއާޕޯޓު ބާރުބޮޑުވުމާއި ދިމާކޮށް އާންމުކޮށް އެމްއޭސީއެލްއިން ހާއްސަ ފިޔަވަޅުތަކެއް އަޅައެވެ. އެގޮތުން މެދު ނުކެނޑީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް، ދުރާލާ ފުރަން ދިއުމަށް އެކުންފުނިން އެދެއެވެ. އަދި ފުރަންދާ މީހުންނަށާއި އެއަރޕޯޓުގެ އެކި ޚިދުމަތް ހޯދަން ދާ ފަރާތްތަކަށް އެހީވުމަށް އެމްއޭސީއެލްގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް އެކުންފުނިން ބުނެއެވެ.
އެމްއޭސީއެލްއިން ވަނީ އެއާޕޯޓަށް މިއީ ބާރު ބޮޑު ދުވަހެއް ނަމަވެސް، އައު ޓާމިނަލާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭ ތަޖުރިބާ ރަނގަޅުވާނެ ކަމަށް ވިދާޅުވެފައެވެ. ރާއްޖެ ދަތުރުކުރާ ބޮޑެތި ހުރިހާ އެއަރލައިނެއްހެން މިހާރު އައު ޓަރމިނަލަށް ބަދަލުކޮށްފައިވާއިރު، މިހާރު 39 އެއަރލައިނަކަށް ދަނީ ޚިދުމަތް ދެމުންނެވެ. އެކުންފުނީގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުރިހާ އެއާލައިނެއްވެސް އައު ޓާމިނަލަށް ބަދަލު ކުރުމެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ އައު ޓަރމިނަލަށް ސީޕްލޭން ކައުންޓަރުތައް ބަދަލުކޮށް ޚިދުމަތް ދޭން ފަށަން ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން ދާދި އަވަހަށް ޑިއުޓީ ފްރީގެ ޚިދުމަތްވެސް ދޭން ތައްޔާރުވަމުންދާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.