ރާއްޖޭގެ އިޖުތިމާޢީ ފޭރާން ވަރުގަދަކޮށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ދިވެހިރާއްޖޭގެ އަޑަކީ މުހިއްމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްސަ "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވީ، ވޭތުވެދިޔަ 63 އަހަރު ދިވެހިރާއްޖޭގެ އަޑުން ފޯރުކޮށްދެއްވާފައިވަނީ ޤައުމީ ޚިދުމަތެއް ކަމަށެވެ. އަދި ޤައުމުގެ އިޖުތިމާޢީ ފޭރާން ހަރުދަނާކޮށް، ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ވޭތުވެދިޔަ 63 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އަޑުން މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ އަޑުން ވޭތުވެދިޔަ ދިގު މާޒީގައި ތެދު ޚަބަރާއި، މަޢުލޫމާތު ގެނެސްދިނުމަށް މަސައްކަތް ކުރެއްވި ހުރިހާ ވެރިންނަށާއި މުވައްޒަފުންނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
"ޤައުމީ ޚިދުމަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް މެދުކެނޑުމެއްނެތި ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ކުރެއްވި މަސައްކަތަށާއި، ރާއްޖޭގެ އިޖުތިމާޢީ އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވި، އެކަމުގައި އުޅުއްވި ކުރީގެ ވެރިންނާއި، މިހާރުގެ ވެރިން އަދި މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ނައިބު ރައީސް ވިދާޅުވިއެވެ.
ރޭޑީއޯއާއެކު އޮތް އެންމެ ހިތްގައިމު ހަނދާނެއްގެ ގޮތުގައި ނައިބު ރައީސް ފާހަގަކުރެއްވީ، ރޭޑީއޯ މެދުވެރިކޮށް ގެނެސްދެމުން ދިޔަ ފުޓުބޯޅަ ކޮމެންޓްރީގެ ތެރެއިން ފުޓުބޯޅައަށް ޖެހުނު ލޯތްބެވެ. މީގެއިތުރުން ނައިބު ރައީސް ވަނީ، ރޭޑިއޯގެ ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމާއި އަދި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގެނެސްދޭ މުހިއްމު މަޢުލޫމާތަށް ސަމާލުކަމެއް ދެއްވިކަން ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އަޑުގެ ކުރިމަގާ މެދު ކުރައްވާ އުއްމީދެއްގެ ގޮތުގައި ނައިބު ރައީސް ވިދާޅުވީ، ޒަމާނުއްސުރެ އަޑުން އެންމެ ތާޒާ ކަމާއެކު ގެނެސްދެއްވާ މަޢުލޫމާތާއި، އެކި ޢުމުރު ފުރާތަކާއި ގުޅޭނެހެން ގެނެސްދެއްވި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކާއި، އިހުގެ ސަޤާފީ ކަންކަމުގެ ތެރެއިން ވޭތުވެދިޔަ 63 އަހަރު ކުރެއްވި ޚިދުމަތް ޒަމާނީ ޓެކްނޮލިޖީއާއި ޑިޖިޓަލް ޕްލެޓްފޯމެއްގެ ތެރެއިން ރައްޔިތުންނާއި ހަމައަށް ގެނެސްދެވޭ ދުވަހެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ.