ޚަބަރު

ޕެލެސް އަތުން ޓޮޓްނަމް އަށް ހަނި މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޓޮޓްނަމް ކާމިޔާބުކޮށްފި އެވެ.

ރަށުން ބޭރުގައި ޓޮޓްނަމް ކުޅުނު މި މެޗުގައި ޕެލަސް އިން ވަނީ މޮޅު ކުޅުމެއް ދައްކާ މި މެޗުގައި ގިނަ ފުރުސަތުތަކެއް ހޯދާފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޓޮޓްނަމްގެ ބްރެޒިލް ފޯވަޑް ރިޗަލިސަން ވަނީ ދެ ލަނޑު ޖަހާފަ އެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އިތުރަށް ބެލުމަށްފަހު އެ ދެ ލަނޑުވެސް އޮފްސައިޑް ކަމަށް ނިންމާފަ އެވެ.

ޓޮޓްނަމް ހޮޓްސްޕަރ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ޒުވާން ކުޅުންތެރިޔާ އާޗީ ގްރޭ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ 19 އަހަރު ގްރޭ ޓޮޓްނަމް ގެ ސީނިއަރ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މި މެޗުން ޓޮޓްނަމް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 18 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ތާވަލުގެ 11 ވަނަ މަގާމް ލިބިފަ އެވެ. ކްރިސްޓަލް ޕެލަސް އަށް ލިބިފައިވާ 26 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 9 ވަނައިގަ އެވެ.

ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އިން އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ފުލަމް އާއި ދެކޮޅަށް ނިކުންނައިރު ޓޮޓްނަމް ހޮޓްސްޕަރ ރަށުން ބޭރުގައި ނިކުންނާނީ ބްރެންޓްފޯޑް އާއި ދެކޮޅަށެވެ.