ކުޅިވަރު

މާގިނަ ގޯލުވަނުމުން ލިވަޕޫލްގެ ސެޓްޕީސް ކޯޗު ފޮނުވާލައިފި


ލިވަޕޫލްގެ ސެޓްޕީސް ކޯޗު އާރޮން ބްރިގްސްގެ ކޮންޓްރެކްޓް އުވާލައިފި އެވެ.

އޭނާ މަގާމު ދޫކޮށްލަން ޖެހުނީ އޭނާ ބަލަހައްޓާ ދާއިރާ ކަމުގައިވާ ސެޓްޕީސް ތަކުން މި ސީޒަނުގައި ލިވަޕޫލް ކޮޅަށް ގިނަ އަދަދެއްގެ ގޯލު ވަދެފައިވާތީވެ އެކަމުގެ ކަންބޮޑުވުން ކުލަބުން ފާޅުކޮށްފައިވަނިކޮށެވެ.

މި ސީޒަނުގައި ލިވަޕޫލުން 18 މެޗު މިހާތަނަށް ކުޅެފައިވާއިރު އެ ޓީމު ކޮޅަށް ވަނީ ހިލޭޖެހުންތަކާއި ކޯނަރުތަކާއި ޕެނަލްޓީ އާއި އެއްލުންތަކުން މިހާތަނަށް 12 ގޯލު ވަދެފަ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއީ ޔޫރަޕުގެ އެންމެ ގަދަ ފަސް ލީގަށް ބަލާއިރު ވަރަށް ދަށް ނަތީޖާ އެކެވެ. މި ފަސް ލީގުގައި މި ގޮތަށް އެންމެ ގިނަ ގޯލު ވަނީ ލިވަޕޫލް ކޮޅަށެވެ. މިއާ ހިލާފަށް މިފަދަ ބޯޅަތަކުން ލިވަޕޫލް ޖެހީ އެންމެ ތިން ގޯލެވެ.

މެންޗެސްޓާ ސިޓީގެ ކޯޗިން ޓީމުގައި ކުރިން މަސައްކަތް ކުރި ބްރިގްސް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓްގެ ކޯޗިން ޓީމާ ގުޅުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ނަމަވެސް އޭނާއާ އެކު ކޮންޓްރެކްޓް އުވާލުމުގެ އެއްބަސްވުމަކަށް އައުމަށްފަހު ލިވަޕޫލުން ބުނީ ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާ ވަނީ ކުލަބަށް ކުރިއެރުން ގެނެސްދީފައި ކަމަށެވެ.

ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ވަނީ އޭނާގެ ޓީމު ކޮޅަށް ކޯނަރާއި ހިލޭ ޖެހުންފަދަ ކަންކަމުން ވަންނަ ގޯލުތަކަށް ބަލާނަމަ އެކަންކަން ރަނގަޅު ނުކުރެވިއްޖެނަމަ މި ސީޒަނުގައި ގަދަ ހަޔެއްގައި ވެސް ލައްވާނުލާނެ ކަމަށް ބުނެފަ އެވެ. ބެލެވޭ ގޮތުގައި ބްރިގްސްގެ ކޮންޓްރެކްޓް އުވާލީ ކޯޗު ސްކޮޓް އެކަމަށް ބޭނުންވުމުންނެވެ.

އޭނާގެ ބަދަލުގައި މި މަގާމަށް މީހަކު ގެންނާނެ ކަން މުޅިން ޔަގީނެއް ނޫނެވެ. ބޮޑަށް ބެލެވެނީ ކޯޗިން ޓީމުގެ ތެރެއިން ކޮންމެވެސް އެހެން މީހަކު މި ޒިންމާ އަދާކުރާނެ ކަމަށެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްގެ ފޯމު މި ސީޒަނުގައި ވަރަށް ބޮޑަށް ދަށްވެ، މިވަގުތު ޓީމު އޮތީ އިނގިރޭސި ލީގުގެ ހަތަރު ވަނާގަ އެވެ.