ޚަބަރު

ނޮވެންބަރު މަހު ރާއްޖެއިން މުދާ އެކްސްޕޯޓުކުރި މިންވަރު %9 އިތުރު


  • ރީ-އެކްސްޕޯޓްކުރި މިންވަރު ވަނީ އިތުރުވެފައި

  • ރާއްޖޭގައި އުފައްދާ ތަކެތި އެކްސްޕޯޓްކުރި މިންވަރުވެސް އިތުރު

މިއަހަރުގެ ނޮވެންބަރު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަދަދު %9 އިތުރުވެއްޖެއެވެ. އެކްސްޕޯޓް އިތުރުވި މައިގަނޑު ސަބަބަކީ ރީ-އެކްސްޕޯޓް އިތުރުވެފައިވުންކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން 2024 ވަނަ އަހަރުގެ ނޮވެންބަރު މަހާ އަޅާބަލާއިރު، 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު ރާއްޖޭގެ ޖުމްލަ އެކްސްޕޯޓް ވަނީ 9 އިންސައްތަ އިތުރުވެފައެވެ. އެ މުއްދަތުގައި ޖުމްލަ އިމްޕޯޓް 30 އިންސައްތަ އިތުރުވެފައިވާކަމަށް މި ރިޕޯޓުން ދައްކައެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން ޖުމްލަ އެކްސްޕޯޓް އިތުރުވުމުގެ މައިގަނޑު ސަބަބަކީ، އެ މުއްދަތުގެ ތެރޭގައި ރީ-އެކްސްޕޯޓް އިތުރުވުމެވެ. މީގެތެރޭގައި 'އެހެނިހެން ރީ-އެކްސްޕޯޓް'ގެ ގިންތިން ލިބުނު އާމްދަނީ އިތުރުވުމާއި، ބޯޓުފަހަރާއި ބޯޓުތަކަށް ބޭނުންކުރާ ޖެޓް ފިއުލް ރީ-އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ އިތުރުވުން ހިމެނެއެވެ.

ރާއްޖޭގައި އުފައްދާ ތަކެތި އެކްސްޕޯޓްކުރާ މިންވަރު ނުވަތަ ޑޮމެސްޓިކް އެކްސްޕޯޓް ވެސް ވަނީ މި މުއްދަތުގެ ތެރޭގައި އިތުރުވެފައެވެ. އެއީ މައިގަނޑު ގޮތެއްގައި ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކުރި ކަނޑުމަހުގެ ބާވަތްތަކުން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރާ ބާވަތްތަކުގެ ތެރޭގައި ކަނޑުމަހުގެ ބާވަތްތައް ހިމެނެއެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް އަޅާބަލާއިރު، 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ޖުމްލަ އެކްސްޕޯޓް ވަނީ 15 އިންސައްތަ އިތުރުވެފައެވެ. ނަމަވެސް، ޖުމްލަ އިމްޕޯޓަށް ބަލާއިރު އެ މުއްދަތުގައި ބޮޑު ބަދަލެއް އައިސްފައެއް ނުވާކަމަށް މި ރިޕޯޓުން ދައްކައެވެ.

އިމްޕޯޓަށް ކުރި ހޭދަ އަހަރުން އަހަރަށް އިތުރުވެފައިވަނީ، މައިގަނޑު ހުރިހާ ގިންތިތަކަކުން ކުރި ހޭދަ އިތުރުވުމާ ގުޅިގެންކަމަށް މި ރިޕޯޓުން ދައްކައެވެ. އެގޮތުން ތެލުގެ ބާވަތްތަކާއި، މެޝިނަރީއާއި މެކޭނިކަލް ސާމާނާއި އޭގެ ބައިތަކާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި އޭގެ ބައިތަކާއި، ބިނާކުރުމުގެ ސިނާޢަތަށް ބޭނުންވާ ސާމާނުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތައް އިމްޕޯޓްކުރި މިންވަރު ވަނީ އިތުރުވެފައިކަމަށް އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކައެވެ.