ޚަބަރު

ތިންވަނަ ކުއާޓަރގައި އެމްޓީސީސީއަށް 501.2 މިލިޔަންގެ އާމްދަނީއެއް


  • ޖުމްލަ ފައިދާގެ ގޮތުގައި 13.4 މިލިޔަން ރުފިޔާ ލިބިފައިވޭ

  • ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު އާމްދަނީއަކީ 15.7 މިލިޔަން ރުފިޔާ

2025 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށް 13.4 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

އެމްޓީސީސީން ނެރުނު މިއަހަރުގެ 3 ވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުއާޓަރގައި 501.2 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. 2025 ވަނަ އަހަރުގެ 2 ވަނަ ކުއާޓަރގައި ލިބިފައިވަނީ، 490.3 މިލިޔަން ރުފިޔާގެ އާމްދަނީއެކެވެ. އެހެންކަމުން މިއީ، %2.2 އިތުރު އަދަދެކެވެ. ފުރަތަމަ ކުއާޓަރގައި ލިބިފައިވަނީ، 418.4 މިލިޔަން ރުފިޔާގެ އާމްދަނީއެކެވެ.

އާމްދަނީ އިތުރުވުމާއެކު 3 ވަނަ ކުއާޓަރގައި އެމްޓީސީސީއަށް ވަނީ، ޖުމްލަ ފައިދާގެ ގޮތުގައި 13.4 މިލިޔަން ރުފިޔާ ލިބިފައެވެ. އަދި ކުންފުނި ހިންގައިގެން 29.3 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ.

3 ވަނަ ކުއާޓަރގައި ޓެކްސްއަށް ކެނޑުމުގެ ކުރިން ކުންފުންޏަށް ލިބިފައިވާ އާމްދަނީއަކީ، 15.7 މިލިޔަން ރުފިޔާއެވެ. 2 ވަނަ ކުއާޓަރގައި މި އަދަދު ހުރީ، 33 މިލިޔަނުގައެވެ.

އެމްޓީސީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، އިމާރަތް ކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކުންނެވެ. އެގޮތުން 3 ވަނަ ކުއާޓަރގައި މި ދާއިރާއިން ކުންފުންޏަށް 397 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

3 ވަނަ ކުއާޓަރގައި އެމްޓީސީސީން 373 މަޝްރޫޢު ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެތެރެއިން 6 މަޝްރޫޢެއްގެ މަސައްކަތްވަނީ، އެކުއާޓަރގެ ތެރޭގައި ނިމިފައެވެ. އަދި އެ ކުއާޓަރގެ ތެރޭގައި 68 މަޝްރޫޢެއްގެ މަސައްކަތް އަލަށް ފަށާފައިވެއެވެ.