ޚަބަރު

ތެލަސީމިއާ އެލަވަންސަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި


  • އެލަވަންސް ހޯދަން ހުށައަޅާނީ ޚާއްޞަ ފޯމެއް މެދުވެރިކޮށް އެންސްޕާއަށް

  • ފޯމް އެޕްރޫވްވުމަށްފަހު ޖެހިގެން އަންނަ މަހުން ފެށިގެން ލިބޭނެ

ތެލަސީމިއާ ކުދިންނަށް ޚާއްޞަ ކޮށްގެން ދޭ އެލަވަންސަށް އެދުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.

ތެލަސީމިއާ އެލަވަންސް ދިނުމާ ގުޅޭ ކަންކަން ބަޔާން ކުރާ ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ތެލަސީމިއާ އެލަވަންސަށް އެދި ހުށައަޅާ ފަރާތްތަކަށް ކޮންމެ މަހަކުވެސް 2000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ތެލަސީމިއާ ކުދިންނަށް އެލަވަންސެއް ދޭން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޢިއުލާން ކުރެއްވީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވުމާއި ގުޅިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ވަނީ، މިއެހީތެރިކަން ދިނުމަށްޓަކައި ޚާއްޞަ ޤަވާއިދެއް އެކުލަވާލާފައެވެ.

މިޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ތެލަސީމިއާ އެލެވެންސް ދެވޭނީ، ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮބިނޯޕަތީސް ސެންޓަރުގައި ބަލަހައްޓަމުން އަންނަ ތެލަސީމިއާ ހުންނަ މީހުންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އޭގެ ތެރެއިން އެލަވަންސަށް އެދި ހުށައަޅާ ފަރާތްތަކަށް ކޮންމެ މަހަކުވެސް 2000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މިޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ތެލަސީމިއާ ކުދިންނަށް ދަޢުލަތުން ދޭ މާލީ އެލަވަންސަށް އެދި ހުށައަޅަން ޖެހެއެވެ. އެގޮތުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން އެޕްރޫވްވުމަށްފަހު ޖެހިގެން އަންނަ މީލާދީ މަހުން ފެށިގެން މިއެލަވަންސް ލިބެމުންދާނެއެވެ. އެލަވަންސަށް އެދި ހުށައަޅާ ފަރާތްތަކުން އެމީހަކު ދިރިއުޅޭ އެޑްރެސްއާއި، އީމެއިލް އެޑްރެސް ހިމަނަންޖެހެއެވެ. އެލަވަންސަށް އެދޭ ފަރާތަކީ، 18 އަހަރު ނުފެރޭ ކުއްޖެއްނަމަ ފޯމުގައި ބެލެނިވެރިޔާގެ މަޢުލޫމާތު ހިމަނަން ޖެހެއެވެ.

ޤަވާއިދުގައި ވަނީ، ތެލަސީމިއާ ހުންނަ މީހުންގެ ޤައުމީ ދަފުތަރެއް އެކުލަވާލާ ތެލަސީމިއާ ސެންޓަރުން ބަލަހައްޓަން ޖެހޭނެ ކަމަށެވެ. މިދަފްރަތުގައި ތެލަސީމިއާ ކުދިންގެ މަޢުލޫމާތާއި، ތެލަސީމިއާގެ ބާވަތާއި، ފަރުވާއާއި ގުޅުންހުރި ގިންތިތަކާއި، ތެލަސީމިއާ ކުދިންގެ އުމުރުފުރާތަކާއި، ތެލަސީމިއާ ހާލަތާއި ގުޅިގެން ޞިއްޙީ ފަރުވާ ހޯދަންޖެހޭ ކަމަށް ޞިއްޙީ މިންގަނޑަކުން ކަނޑައަޅާ ކުދިންނާއި، އެކުދިންގެ ފަރުވާއާއި ގުޅޭ މުޙިއްމު ތަފްސީލްތައްވެސް އެނގެންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެލަވަންސް ހުއްޓާލުމަށްފަހު އަލުން ދެވޭނީ އެކަމަށް ޚާއްޞަ ޞިއްޙީ މިންގަނޑަކުން ބެލުމަށްފަހު

ޤަވާއިދުގައި ވަނީ، އެލަވަންސް ދިނުން ހުއްޓާލާނެ ހާލަތްތަކާއި އަލުން އެލަވަންސް ދޭން ފަށަން ޖެހޭނެ ހާލަތްތައްވެސް ބަޔާންކޮށްފައެވެ. އެގޮތުން އެލަވަންސް ނުލިބޭ ހާލަތްތަކުގެ ތެރޭގައި އެލަވަންސް ލިބޭ ކުއްޖާއަކީ، ކަމާ ގުޅޭ ފަހުގެ ޞިއްޙީ މިންގަނޑަށް ބަލައި ތެލަސީމިއާއަށް އިތުރަށް ފަރުވާކުރަން ނުޖެހޭ ކުއްޖެއް ކަމަށް ތެލަސީމިއާ ސެންޓަރުން ކަނޑައެޅުން ނުވަތަ އެލަވަންސް ލިބެމުން ދިޔަ ކުއްޖާ ނިޔާވުން ހިމެނެއެވެ. އަދި އެލަވަންސް ލިބެމުން ދިޔަ ކުއްޖާ އެލަވަންސް ބޭނުން ނުވާކަން ބަޔާންކޮށް ލިޔުމުން އެދުމުންވެސް އެލަވަންސް ދިނުން ހުއްޓާލާނެއެވެ.

އަލުން އެލަވަންސް ދެވޭނީ، ތެލަސީމިއާ ފަރުވާ ހޯދަމުން ދިޔަ ކުއްޖަކު އާންމު ޙާލަތަކަށް އައުމަށްފަހު، ކަމާ ގުޅޭ ސިއްޙީ މިންގަނޑަކުން ބަލައި އަލުން ފަރުވާ ކުރަންޖެހޭ ފަދަ ޞިއްޙީ ޙާލަތަކަށް ރުޖޫޢަވެފައިވާ ކަމަށް ސެންޓަރުން ކަނޑައެޅުމުންނެވެ.

ތެލަސީމިއާ ކުދިންގެ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށާއި، މުޖުތަމަޢުގެ އެހެން މީހުންނެކޭ އެއްފަދައިން ޢާންމު ދިރިއުޅުމެއް އުޅުމުގެ ފަހި މާޙައުލެއް ކަށަވަރު ކުރުމަށް ސަރުކާރުން ދަނީ، މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން، ސަރުކާރުން ވަނީ ތެލަސީމިއާ ފަރުވާ މާލެ ސަރަޙައްދުގައި ފުޅާކޮށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހުޅުމާލޭ އޮރެންޖު ހިޔާގައި ޚިދުމަތް ދޭން ފަށާފައެވެ. އަދި ތެލަސީމިއާއަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރަމުންނެވެ.