ޚަބަރު

މިއަހަރު ވާނީ ޑިޖިޓަލައިޒޭޝަންގެ ކާމިޔާބު އަހަރަކަށް!


  • ޕޭޕަލްގެ ޚިދުމަތް މިއަހަރު ލިބޭނެކަމަށް އުރީދޫއިން ވިދާޅުވެފައިވޭ

  • ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް ސްވައިޕްގެ ޚިދުމަތް މިމަހު ފެށޭނެ

ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެއަށް އަންނަ ކުރިއެރުންތަކާއެކު ވިޔަފާރި ކުރާ ގޮތާއި، އެކި ޚިދުމަތްތައް ދޭ ގޮތްތަކަށް މިއަދު ވަނީ ޒަމާނީ ބަދަލުތައް އަންނަން ފަށާފައެވެ. ޑިޖިޓަލައިޒޭޝަންގެ ތެރެއިން އައި ކުރިއެރުންތަކާއެކު އެކި ޚިދުމަތްތަކާއި، ވިޔަފާރިތަކުން ނަގުދު ފައިސާ ބޭނުން ކުރުމުގެ ބަދަލުގައި މިއަދު ގިނަ ރައްޔިތުންނާއި، ވިޔަފާރިވެރިން ބޭނުންކުރަނީ އީ ވޮލެޓާއި، އޮންލައިން އެކި ވަސީލަތްތަކުގެ އިތުރުން ޑިޖިޓަލް އެކި ޕްލެޓްފޯމްތަކެވެ.

ރާއްޖެއިން ބޭރުގެ އެކި ވެބްސައިޓުތަކުން ވިޔަފާރި ކުރުމުގެ ފުރުޞަތު ދިވެހިންނަށް ފަހިވެފައި އޮތްނަމަވެސް، އޮންލައިން ޕްލެޓްފޯމްތަކުގައި ވިޔަފާރި ކޮށްގެން އާމްދަނީ ހޯދުމަށް އޮތް ފުރުޞަތު ވަރަށް ކުޑައެވެ. އެއީ، އޮންލައިން ގިނަ ޕްލެޓްފޯމްތަކުގައި ފައިސާގެ މުޢާމަލާތްތައް ހިންގުމަށް ބޭނުން ކުރާ އެކި ޕޭމަންޓް ގޭޓްވޭތައް ރާއްޖޭގައި ބޭނުން ނުކުރެވޭތީއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ، މިކަމަށް ހައްލެއް ގެނެސް ރާއްޖޭގެ އިޤްތިޞާދު ޑިޖިޓަލައިޒޭޝަނާއި ދިމާލަށް ގެންގޮސްދިނުމުގެ ވަޢުދާއެކުއެވެ. އެ ވަޢުދުގެ ދަށުން ޕޭޕަލްއާއި، ގޫގުލް ޕޭ ފަދަ އީވޮލެޓްތައް ތަޢާރަފްކޮށް، ފަސޭހައިން ފައިސާގެ މުޢާމަލާތް ކުރެވޭ ގޮތް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިމަސައްކަތުގެ ދަށުން ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އެއް އީވޮލެޓް ކަމަށްވާ ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފް ކުރުމުގެ މަޝްވަރާތައް ސަރުކާރުން ކުރެއްވިއެވެ. މީގެ ދަށުން އުރީދޫގެ އެމްފައިސާ ވޮލެޓް މެދުވެރިކޮށް ދިވެހިންނަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފް ކުރުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. ޕޭޕަލްގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ހުއްދަ އުރީދޫގެ ދަށުން ހިންގާ ޓެކްފިން މޯލްޑިވްސްއަށް މިހާރު ވަނީ ދޫކޮށްފައެވެ.

އުރީދޫގެ އެމްފައިސާ ވޮލެޓަށް ބޭރު ޤައުމުތަކުން ފައިސާ ޖަމާ ކުރުމަށް އެމްއެމްއޭގެ ހުއްދަ ލިބިގެން ދިޔައިރު، ޕޭޕަލް މެދުވެރިކޮށް އެމްފައިސާ ވޮލެޓަށް ފައިސާ ޖަމާ ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އެ ޚިދުމަތް މިއަހަރު ފަށާނެ ކަމަށްވެސް އުރީދޫއިން ވަނީ އިޢުލާންކޮށްފައެވެ.

ރާއްޖޭގެ އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާ އިންޤިލާބީ ބަދަލަކާއި ދިމާލަށް މިސްރާބު ޖެހުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް ތައާރަފް ކުރުމުގެ މަސައްކަތަކީވެސް ފާހަގަކޮށްލެވޭ މަސައްކަތެކެވެ. ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް، ސްވައިޕް ބީޓާ ޓެސްޓިންގ މަރުޙަލާ މިހާރު ވަނީ ފަށާފައެވެ. އަދި މިމަހުގެ ތެރޭގައި ދިވެހިންނަށް ސްވައިޕް ޕްލެޓްފޯމްގައި ވިޔަފާރިތައް ރަޖިސްޓްރީ ކުރަން ފެށޭނެ ކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.

ސްވައިޕަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު އަވަހަށް އަދި ރައްކާތެރިކަމާއެކު ފައިސާގެ މުޢާމަލާތް ކުރެވޭނެ މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓެކެވެ. ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުން ކޮށްގެން ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ހުރެގެންވެސް ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެއެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށްވެސް ބަލާލެވޭނެއެވެ.

ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމް ކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ޕްލެޓްފޯމް ކަމަށްވާ އަލިބާބާގައި ތަކެތި ވިއްކޭނެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ. އެގޮތުން އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް މިހާރު އަލީބާބާ ވެބްސައިޓް މެދުވެރިކޮށް މުދާ ވިއްކޭނެއެވެ. މި އޮންލައިން ފިހާރަ ހުޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 17 ވަނަ ދުވަހުއެވެ.

ރާއްޖެ ޑިޖިޓަލައިޒޭޝަނަށް ކުރަމުންދާ މަސައްކަތުގައި މޯލްޑިވްސް 2.0 އަކީވެސް މުހިންމު މަސައްކަތެކެވެ. ސަރުކާރުން ދަނީ، ފަންނުވެރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްވެސް ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ. މިގޮތުން ފަންނުވެރިކަމާއި، އުފެއްދުންތެރި އިޤްތިޞާދެއް ތަރައްޤީ ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

އެމަނިކުފާނު ވަނީ، ޤައުމުގެ ޖީޑީޕީ 15 އިންސައްތަ ޙިއްސާކުރާނީ ފަންނުވެރިކަމުގެ އިޤްތިޞާދު ކަމުގައި ހެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.