ކުޅިވަރު

ވިކްޓަރީގައި މިވަގުތު އޮތީ ރާއްޖޭގެ އެންމެ ވަރުގަދަ ސްކޮޑް: ލައްޗޭ


ރާއްޖޭގަ މިވަގުތު އޮތް އެންމެ ވަރުގަދަ ސްކޮޑް އޮތީ ވިކްޓަރީ ސްޕޯޓްސް ކްލަބުގައި ކަމަށް އެޓީމުގެ އެސިސްޓެންޓް ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސް އަތުން 4-1 ގެ ނަތީޖާއަކުން ވިކްޓަރީއިން ކާމިޔާބު ހޯދި މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ލަތީފް ބުނެފަވަނީ ލީގުގެ ދެވަނަ ބުރާއި އެޓީމުން ކުރިމަތިލީ ވަރުގަދަ އަޒުމެއްގައިކަމަށެވެ.

އެގޮތުން ބިދޭސީ ކޯޗަކާއިއެކު ވިކްޓަރީއިން ފަރިތަކުރަމުން އަންނައިރު އެޓީމުގެ އަމާޒަކީ މިބުރުގެ އެއްވެސް މެޗަކުން ބަލިނުވެ ލީގުގައި ކުރިއަރައިގެން ދިއުންކަމަށެވެ. އެހެންކަމުން އެއަމާޒަށް ވާސިލު ވުމަށްޓަކައި ޓީމުގެ ކުޅުންތެރިން ފަރުވާތެރިކަމާއިއެކު ފަރިތަކުރުންތަކުގަ ބައިވެރިވަމުންދާކަން ކޯޗު ފާހަގަކުރިއެވެ.

"ކޯޗާ ހަވާލު ވުމުގެ ކުރީގަ އަހަރުން ހުންނާނެ އަޒުމުތަކެއް ކަނޑައަޅާފަ ސެކަންޑް ރައުންޑްގަ އަހަރުމެން އަތުން ގެއްލިފައި ހުރި ހުރިހާ މެޗުތަކާއި އޭގެ ކުރިން ލިބިފަ ހުރި މެޗުތައްވެސް އަހަރުން މި ބުރުގަ ކާމިޔާބު ކުރަން. އެހެންވީމަ ފުރަތަމައިނުންވެސް ހުރިހާ ކުޅުންތެރިންނަށް މިއިނީ ރެގިއުލާކޮށް ހުރިހާ ކުޅުންތެރިންވެސް ޓްރެއިން ސެޝަންތަކަށް ބައިވެރިވުން" ލަތީފް ބުންޏެވެ.

މިދިޔަ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. މިމެޗުގައި އިދިކޮޅުން ނުކުތް ގްރީން ސްޓްރީޓްސްގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނުނު ނަމަވެސް އެޓީމަށް ވަނީ އެ ހަމަލާތައް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.

މިމެޗުގައި ލީޑު ނަގައި ފުރަތަމަ ގޯލުވެސް ޖަހާފައިވަނީ ވިކްޓަރީއިންނެވެ. 4-1 އިން ގްރީން ސްޓްރީޓްސް ބަލިކޮށް ވިކްޓަރީއިން ވަނީ ލީގުގެ ގަދަ ތިނެއްގެ އުންމީދު އައުކޮށްފައެވެ.

ލީގުގެ ދެވަނަ ބުރަށް ވިކްޓަރީއިންވެސް ބަދަލުތަކަކާއިއެކު ނުކުމެފަވާއިރު ލަތީފު ބުނީ ޓީމަށް ގެނެވުނު ބަދަލުތަކާއި މެދު ހިތްހަމަޖެހޭކަމަށެވެ. ޓީމުން މިހާރު ދައްކަމުންދާ މޮޅު ކުޅުމުގެ އަސްލަކީ ޓީމުގައި ހިމެނޭ ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންނާއި އެކުވެ ޓީމެއްގެ ގޮތުގައި ލަމުންދާ ހިތްވަރުކަމަށެވެ.

"ކޮންމެ ހެންވެސް ޓީމަށް ހަމަ ޕޮޒިޓިވް ޗޭންޖް ތަކެއްވެސް އައިސްގެން މިމެޗުތަކުން ވިންވާން މި ލިބުނީ. ދެން އެވަގުތާއި ޓީމުގަ ދެން ތިބި ކުޅުންތެރިންވެސް ފޮރިން ޕްލެޔަރުންނަށް ދިން ސަޕޯޓާ މިހުރިހާ އެއްޗެއް ކޮމްބައިން ވީމަ ދެން މިހާރު އަސްލު މި ބޭނުންވާ ނަތީޖާ ނިކުމެގެން އަންނަނީ" ކުޅުންތެރިންނާއި މެދު ކޯޗު ބުނެފަވެއެވެ.

ޓީމާއި މެދު ލަތީފް ބުނެފައި ވަނީ އަބަދުވެސް މުސްތަގުބަލަށް ފޯކަސްކޮށްގެން މޮޅުވާން މަސައްކަތްކުރާނެ ޓީމެއްކަމަށެވެ. އެގޮތުން ބިދޭސީ ކޯޗުގެ އިރުޝާދާއިއެކު ކުޅުންތެރިން މަސައްކަތް ކުރާނީ އެއަމާޒަށްކަމަށް ލަތީފް ބުންޏެވެ.

"ވިކްޓަރީ ފޯކަސް ކުރާނީ ވިކްޓަރީގެ މުސްތަގުބަލަށް. އެހެންވީމައި ވިކްޓަރީއަކީ މޮޅުވާން ބޭނުންވާ ޓީމެއް. އެހެންވީމަ މިހާރުހުރި ފޮރީން ކޯޗުގެ އިރުޝާދުގަވެސް އިންނަނީ އެ މޮޓޯގެ ދަށުން ވިކްޓަރީ ޓީމު މަސައްކަތް ކުރަން" ލަތީފް ބުންޏެވެ.

މެޗަށް ފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުގައި ލަތީފް ވަނީ ވިކްޓަރީއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އޭނާ ބުނެފައިވަނީ އެއީ އުންމީދީ ޓީމެއްކަމަށާއި ލީގުގައި ކުރިއަށް ޖެހުމަށް އެޓީމުން ގަދައަޅާ މަސައްކަތްކުރާނެ ކަމަށެވެ.

"ވިކްޓަރީ ޓީމުގައި މިއޮތީ މިވަގުތު ރައްޖޭގައި އޮތް އެންމެ ވަރުގަދަ ސްކޮޑް" ލަތީފް ބުންޏެވެ.

ދިވެހި ޕްރީމިއަރ ލީގު ތާވަލަށް ބަލާއިރު ވިކްޓަރީ މިވަގުތު އޮތީ ފަސް ވަނައިގައި 19 ޕޮއިންޓާއިއެކުގައެވެ. އެ ޓީމުން ކުޅުނު 12 މެޗުގެ ތެރެއިން 6 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އަދި 5 މެޗު ގެއްލި އެއް މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.