ކުޅިވަރު

ސްޕެނިޝް ސުޕަކަޕަށް 52 މިލިއަން ޔޫރޯ


ސްޕެނިޝް ސުޕަކަޕް ފުޓްބޯޅަ މުބާރާތަށް 52 މިލިއަން ޔޫރީ ކަނޑައަޅައިފި އެވެ.

ސައޫދީ އަރަބިއާގައި ބާއްވާ ތިން ދުވަހުގެ މުބާރާތަށް މިވަރުގެ ފައިސާގެ އަދަދެއް ކަނޑައަޅާފައިވާއިރު ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުރެ ޓީމެއް މުބާރާތް ކާމިޔާބުކޮށްފިނަމަ ލިބޭ މާލީ ފައިދާ ބޮޑުވާނެ އެވެ.

މުބާރާތުގެ އިނާމް ފައިސާ ދޭން ނިންމާފައިވަނީ ތިން ބަޔަކަށެވެ. ރެއާލް އާއި ބާސެލޯނާ މުބާރާތުގައި ވާދަކުރާތީވެ ކޮންމެ ކުލަބަކަށް ހަ މިލިއަން ޔޫރޯ ލިބޭނެ އެވެ. ނަމަވެސް އެތްލެޓިކޯ މެޑްރިޑާއި އެތްލެޓިކް ކުލަބަށް ލިބޭނެ އަދަދު މުޅިން ސާފެއް ނޫނެވެ.

މުބާރާތުގެ ފައިނަލަށް ހިނގައްޖެނަމަ ލިބޭނީ 1.15 މިލިއަން ޔޫރޯ އެވެ. ޗެމްޕިއަންކަން ހޯދައިފިނަމަ ތިން މިލިއަން ޔޫރޯ ލިބޭނެ އެވެ. ހުސްވި ސީޒަނުގެ ޗެމްޕިއަން ބާސެލޯނާ ސައޫދީން ސްޕޭނަށް ދިޔައީ މި ގޮތުގެ މަތީން ޖުމުލަ ނުވަ މިލިއަން ޔޫރޯ ހިފައިގެންނެވެ. މީގެ ތެރެއިން ދެ ލައްކަ ޔޫރޯ މުބާރާތުގައި ވާދަކުރި މަޔޯކާ އަށް ހިލޭ ދިނެވެ. އެއީ އެ ޓީމާއި އޮސަސޫނާ އަށް ލިބުނު ފައިސާ އަކީ މުބާރާތެއް ކުޅެން ސައޫދީ އަރަބިއާ އަށް ދަތުރުކޮށްގެން ހޭދަކުރި ފައިސާއާ އަޅާ ބަލާއިރު ވަރަށް މާނަހުރި އަދަދަކަށް ނުވުމުންނެވެ. ބާސެލޯނާއިން ހަދިޔާކުރި ދެ ލައްކަ ޔޫރޯއާއެކު މަޔޯކާ އަށް ޖުމުލަ ލިބުނީ 1.2 މިލިއަން ޔޫރޯ އެވެ.

މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭނީ އެތްލެޓިކް ކުލަބާއި ބާސެލޯނާ އެވެ. ރެއާލް ވާދަކުރާނީ އެތްލެޓިކޯ މެޑްރިޑާ އެވެ. މި މެޗުތައް ކުޅޭނީ އަންނަ ހަފުތާގެ ބުދަ އަދި ބުރާސްފަތީގަ އެވެ.

މުބާރާތް ރާވާފައިވާ ގޮތާމެދު އެތްލެޓިކް ކުލަބުން މިހާރު ވެސް ވަނީ ފާޑުކިޔާފަ އެވެ. އެ ކުލަބުގެ ކެޕްޓަން އިނާކީ ވިލިއަމްސް ބުނީ ސައޫދީ އަރަބިއާގައި ކުޅުމަކީ ވަރަށް ގިނަ ގޮތްގޮތުން ދަތިކަމެއް ކަމަށެވެ. އެ ގައުމަށް ހޭނުމާއި ދިގު ދަތުރެއް ކުރަން ޖެހުމުގެ ކަންބޮޑުވުން އޭނާ ފާޅު ކުރި އެވެ. މީގެ އިތުރުން ކޯޗު އާނެސްޓޯ ވަލްވާޑޭ ވެސް ވަނީ މި މުބާރާތް ސައޫދީ އަރަބިއާގައި ކުޅުމާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ސްޕެނިޝް ފުޓްބޯޅަ ފެޑަރެޝަނުން މުބާރާތް ސައޫދީގައި ކުޅެމުންދަނީ އެ ގައުމުން ގިނަ އަދަދެއްގެ ފައިސާ މުބާރާތަށް ދޭތީ އެވެ. ސައޫދީން މިކަން ކުރަނީ އެ ގައުމުގެ ފުޓްބޯޅައިގެ ފޯރި ގެނައުމާއި ސައޫދީ އަރަބިއާގެ ޓުވަރިޒަމެވެ.