ކުޅިވަރު

އަހަރެންދާނީ ގިނައިން ކުޅެވޭނެ ޓީމަކަށް: އަކޭ


އޭނާ ދެން ބަދަލުވާނީ ގިނައިން ކުޅެން ފުރުސަތު ލިބޭނެ ޓީމަކަށް ކަމަށް މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ނޭތަން އަކޭ ބުނެފި އެވެ.

އުމުރުން މިހާރު 30 އަހަރުގެ ކުޅުންތެރިޔާ މިހެން ބުނީ މެންޗެސްޓާ ސިޓީގައި އޭނާ އަށް ކުޅުމުގެ ފުރުސަތު މި ސީޒަނުގައި މާމަދުން ލިބެން ފެށުމުން ގައުމީ ޓީމުން ލިބިފައިވާ ޖާގަ ގެއްލިދާނެ ކަމުގެ ބިރު އޮތުމުންނެވެ. މި ސީޒަނުގައި ޕްރެމިއާ ލީގުގައި އޭނާ ކުޅުނީ އެންމެ ތިން މެޗެވެ. މިހެންވެ ޖެނުއަރީ މަހު އެހެން ކުލަބަކަށް ބަދަލުވުމުގެ ފުރުސަތު އޭނާ އަށް އެބައޮތެވެ. ނަމަވެސް ސިޓީން މި ސީޒަން ނިމެންދެން އެނާ ބަހައްޓަން ބޭނުންވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.

އަކޭ ހޯދުމަށް އިނގިރޭސި ގިނަ ކުލަބުތަކަކުން ބޭނުންވެ އެވެ. އަދި ސްޕޭނުގެ ބާސެލޯނާ ވެސް ދަނީ އޭނާގެ ހާލަތު ގާތުން ދިރާސާ ކުރަމުންނެވެ. ސްޕޭނުގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ބާސެލޯނާ އަށް ބަދަލުވާން އަކޭ ވަނީ އޭނާގެ އެޖެންޓަށް އޯކޭ ދީފަ އެވެ. ނަމަވެސް މިކަމުގައި ބާސެލޯނާއިން އަދި ތިބީ މަޑުމަޑުންނެވެ. ސަބަބަކީ އެ ކުލަބުގެ މާލީ ހާލަތު ހުރި ގޮތުން ވިސްނުންތެރިކަމާއެކު ޑިފެންޑަރަކު ހޯދަން ބޭނުންވާތީ އެވެ.

"އަހަރެން ގާތުގައި (ގައުމީ) ކޯޗު ރޮނަލްޑޯ ކޫމަން ބުނެފައިވަނީ ގިނައިން ކުޅެން. އަހަރެން ގިނައިން ނުކުޅޭނަމަ އަހަރެންގެ މަގާމު ގައުމީ ޓީމުގައި ގެއްލުމުގެ ފުރުސަތު އެބައޮތް. އަހަރެން ގިނައިން ކުޅެން ކޯޗު އެ ބުނަނީ އެހެންވެ،" އަކޭ ބުންޏެވެ.

އޭނާ ބުނީ މި ސީޒަނުގައި ސިޓީގައި ފުރުސަތު ނުލިބޭތީވެ ކުރާނެ ޝަކުވާއެއް ނެތް ކަމަށެވެ.

"ވާދަވެރިކަން ވަރަށް ބޮޑު. އަހަރެންގެ މަގާމަށް އެހެން ކުޅުންތެރިން އެދަނީ ވަރަށް ރަނގަޅަށް ކުޅެމުން. މިހެންވެ އަހަރެން ވެސް މިހުރީ ފުރުސަތެއް ލިބެންދެން. އަހަރެން ބޭނުންވަނީ ގިނައިން ކުޅެން. އެ ފުރުސަތުގެ ބޭނުން އަހަރެން ހިފާނަން،" ކުލަބު ބަދަލު ކުރަން ބޭނުންވާކަމުގެ އިޝާރާތެއް ދެމުން އަކޭ ބުންޏެވެ.

ކުރިން ބޯނެމައުތަށް ކުޅުނު އޭކް މެންޗެސްޓާ ސިޓީއާ ގުޅުނީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ސިޓީގައި މިހާތަނަށް 98 މެޗުން ކުޅެން ހަ ގޯލު ޖަހައިފަ އެވެ.