ސަރަޙައްދީ މުބާރާތަކުން ދިވެހިރާއްޖެއަށް ވޮލީބޯޅައިގައި އެންމެ ފުރަތަމަ ރަން މެޑަލްއެއް ހޯދާނީ ޤައުމީ އަންހެން ޓީމުންކަމަށް، ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ، ރާއްޖެ ސުޕަ ލީގުގެ އަންހެން ޑިވިޝަނުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ލަތީފް ވިދާޅުވީ، މިދިޔަ މަހު ފަހުކޮޅު ރާއްޖޭގައި ބޭއްވި ވިމެންސް ކާވާ ކަޕް 2025 ގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުން ދެއްކި މޮޅު ކުޅުމަކީ އަދި ހޯދި ކާމިޔާބީއަކީ، މުޅި ދިވެހި ޤައުމު އެކަމަކަށްޓަކައި ފަޚުރުވެރިވާ ކަމެއް ކަމަށެވެ. ޓީމުން ދެއްކި ކުޅުމާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ފަޚުރުވެރިވެވަޑައިގެންނެވިކަން ފާހަގަކުރެއްވި ކަމަށް ލަތީފް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޓީމުން އެ ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ދެއްކި ހިތްވަރު ދެއްކުނީ، އެ ކުޅުންތެރިންގެ އަޚުލާޤު ރަނގަޅުވުމާއި، ކުޅުންތެރިންގެ މެދުގައި އޮތް އެކުވެރިކަމާއި ބަދަހިކަމުގެ ސަބަބުން ކަމަށެވެ.
"އެކުދިންނަށް އެ ހިތްވަރާއެކު މަސައްކަތް ކުރެވުނީ، އެކުދިންގެ އަޚްލާޤް ރަނގަޅުވެގެން. އަދި އެކުދިންގެ އެކުވެރިކަމާއި ބަދަހިކަމުން. އެހެންވީމަ ތަކުރާރުކޮށް އަޅުގަނޑު ބުނެލާނަން، ދިވެހިރާއްޖެއިން ސަރަޙައްދީ ރަން މެޑަލްއެއް (ވޮލީގައި) އެންމެފުރަތަމަ ހޯދާނީ ކަނބަލުންނޭ" ލަތީފް ވިދާޅުވިއެވެ.
ލަތީފް ވަނީ ރާއްޖޭގެ އަންހެން ވޮލީކުޅުންތެރިންގެ ކިބައިން، މިކަން ޙާސިލްކުރަން އެދިވަޑައިގެންފައެވެ.
"އެހެންވީމަ ހިނގާށޭ ހުރިހާ ކަނބަލުން ގުޅިގެން، 2026 ވަނަ އަހަރު އިންޓަނޭޝަނަލް ގޯލްޑް މެޑަލްއެއް އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަށް އެރުވޭތޯ މަސައްކަތްކުރަން" ލަޠީފް ވިދާޅުވިއެވެ.
ލަޠީފްގެ ވާހަކަފުޅުގައި، އަތޮޅުތެރޭގައި ވޮލީ ކުރިއެރުވުމަކީ މުހިންމު އަމާޒެއްކަން ފާހަގަކުރައްވައި، މި ފެށުނު މުބާރާތަކީ އެ މަގުން ކުރަމުން އަންނަ މަސައްކަތުގައި އެޅުނު މުހިންމު ބިންގަލެއް، އަދި ކާމިޔާބީއެއްކަން ފާހަގަކުރެއްވިއެވެ.
މިއީ މުޅިން އަލަށް ފެށި މުބާރާތެއް ނަމަވެސް، އަމާޒަކީ، މި މުބާރާތަކީ ދިވެހިރާއްޖޭގެ އެންމެ ފޯރިގަދަ، އެންމެ ވަރުގަދަ މުބާރާތަކަށް ހެދުން ކަމަށާއި މިއީ ކުޅުންތެރިންނަށް ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ މުބާރާތަށް ހެދުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މުބާރާތް އިތުރަށް ފުރިހަމަކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތަކާއި ރަނގަޅުކުރަން ޖެހޭ ކަންތައްތަކާ ގުޅޭގޮތުން، ދާއިރާގެ ތަޖުރިބާކާރުންނާއި ބައިވެރިވާ ޓީމުތަކާއި ކުޅުންތެރިންނާ ވެސް މަޝްވަރާކުރައްވާނެކަމަށް ލަޠީފް ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ރާއްޖެ ސުޕަ ލީގު ފަށާފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. ޖުމްލަ އަށް ޓީމުން ބައިވެރިވި މި މުބާރާތް ކުރިއަށްދަނީ، ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭހެންނެވެ.
މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ލ.ގަން، ށ. ފުނަދޫ، ކ.މާފުށި އަދި އައްޑޫ ސިޓީއެވެ. ގްރޫޕް ބީގައި ހިމެނެނީ ލ.މާބައިދޫ، ކ. ހުރާ، ދ. މާއެނބޫދޫގެ އިތުރުން މާލޭ ސިޓީއެވެ.
ލީގު އުސޫލުން މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭއިރު ލީގު ބުރަށްފަހު ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލުގައި ވާދަކުރާނެއެވެ. އަދި ބްރޮންޒް މެޑަލް މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ.
މިއީ ރާއްޖޭގެ ރަށްތަކާއި ސިޓީތަކަށް ހުޅުވާލައިގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.