ސްޕެނިޝް ސުޕަކަޕް ތަށި ދިފާއު ކުރެވުމަކީ ސީޒަނުގައި އިތުރު ކާމިޔާބު ހޯދަން ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
އޭނާ މިހެން ބުނީ ސުޕަކަޕް ސެމީ ފައިނަލުގައި މިރޭ ސައޫދީ އަރަބިއާގައި އެތްލެޓިކް ކުލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިންނެވެ.
"ޖަރުމަނާ އަޅާ ބަލާއިރު މި މުބާރާތް ސްޕޭނުން މި ކުޅޭ ގޮތް ތަފާތު. އެކަމަކު މި ފޯމޭޝަނާމެދު އަހަރެން ގަޔާވޭ. މި ތަށި އަހަރުމެންނަށް ދިފާއު ކުރެވިއްޖެނަމަ އެކަން ވާނީ މި ސީޒަނުގައި އިތުރަށް ކުރިއަށްދާން ލިބޭނެ ހިތްވަރަކަށް،" ފްލިކް ބުންޏެވެ.
އޭނާގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ބާސެލޯނާ ތިން ތަށި ހޯދިއިރު އެންމެ ފުރަތަމަ ހޯދި ތައްޓަކީ ވެސް މިއީ އެވެ. ކުރީ ފަހަރަކޭ ވެސް އެއް ފަދައިން ތިން މެޗުގެ މުބާރާތް މި ފަހަރުގެ މުބާރާތް ވެސް ކުޅެނީ ސައޫދީ އަރަބިއާގާ އެވެ.
މިރޭގެ މެޗުން މޮޅުވެއްޖެނަމަ ބާސެލޯނާ އަށް ފައިނަލުގައި ވާދަކުރަން ޖެހޭނީ މާދަމާ ރޭ ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިކް ކުޅެ މޮޅުވާ ޓީމަކާ އެވެ.
ފްލިކް ބުނީ މި މެޗަށް ނުކުންނައިރު ކެޕްޓަން ރޮނަލްޑް އަރައުހޯ ކުޅޭނެކަން އަދި ޔަގީން ނޫން ކަމަށެވެ. މީގެ އިތުރުން ލަމީން ޔަމާލް ވެސް ހުރީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ކަމަށެވެ.
އޭނާ އަދި ބުނީ މުބާރާތުގެ ފެވަރިޓުންނަކީ ބާސެލޯނާ ކަމަށްވިޔަސް ޓީމު މޮޅުވާނީ ޑިފެންސް ލައިނުން ރަނގަޅަށް ކުޅެގެން ކަމަށެވެ. މި ސީޒަނުގައި ބާސެލޯނާގެ އެންމެ ބޮޑު މައްސަލައަކީ ވެސް ޑިފެންސް ލައިން ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.
"އަހަރުމެން ފަހަތުން މިސްޓޭކް ހަދައިގެން ނުވާނެ. އެކަން ނުކޮށް ކުޅެފިނަމަ އަހަރުމެންނަށް މޮޅުވުމުގެ ފުރުސަތު ބޮޑު. މި ތަށި ހޯދުމަކީ ހުރިހާ ކުޅުންތެރިން ދެކޭ ހުވަފެނެއް،" ކޯޗު ބުންޏެވެ.