ޚަބަރު

ޗެމްޕިއަނުން ހިފަހައްޓާލާ ދިއްފުށި ޕޮއިންޓެއް ހޯދިއިރު އިސްދޫއިން ގަން ބަލިކޮށްފި


ހިޔުންޑައި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި އެންމެ ފަހުގެ ޗެމްޕިއަނުން ކާށިދޫ ހިފަހައްޓާލާ ދިއްފުށިން ޕޮއިންޓެއް ހޯދައިފިއެވެ. ކ.އަތޮޅުގެ ގްރޫޕް އޭގައި ކާށިދޫ އާއި ދިއްފުށި ބައްދަލުކުރި މެޗު ނިމުނީ 2-2 އަކުން އެއްވަރުވެގެންނެވެ.

މިމެޗުގައި ކާށިދޫގެ ލަނޑުތައް ޖަހައިދިނީ އަކްމަލް މުހައްމަދު އާއި އިސްމާއިލް ރަޔާންއެވެ. އަދި ދިއްފުށިން ޖެހި ދެ ލަނޑުވެސް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އަހުމަދު މާޒިންއެވެ.

ކ.އަތޮޅުގެ ގްރޫޕް އޭގައި ކުޅުނު އަނެއް މެޗުގައި ގުރައިދޫ ބަލިކޮށް ގުޅި ވަނީ 3 ޕޮއިންޓު ހޯދާފައެވެ. މިމެޗު ގުޅި ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ ޓީމުގެ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި މުހައްމަދު އަނޫފް އަހުމަދެވެ.

ކ.އަތޮޅުގެ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުގައި ގާފަރު ވަނީ ތަފާތު ބޮޑުނަތީޖާ އަކުން ހިންމަފުށި ބަލިކޮށްފައެވެ. މިމެޗު ގާފަރު ކާމިޔާބުކުރީ 5-1 އިންނެވެ. މެޗުގައި ގާފަރު މުހައްމަދު ނިހާލް ނަޝީދު 2 ލަނޑު ޖަހައިދިންއިރު އަނެއް 3 ލަނޑު ޖަހައިދިނީ އިބްރާހިމް ރިމާޙް އާއި ޝަނާން ރަޝާދު އަދި ސާމިން މުހައްމަދު ނަސީރެވެ. ހިންމަފުށިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ނާފިޒެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ގާފަރު ޓީމުގެ ސާމިން މުހައްމަދު ނަސީރެވެ.

އއ.އަތޮޅުގެ ތޮއްޑޫ އާއި ބޮޑުފޮޅުދޫ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ތޮއްޑޫ ވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް މުހިއްމު ފިޔަވަޅެއް އަޅާފައެވެ. އެއީ މުބާރާތުގެ އއ. އަތޮޅުގެ ފައިނަލްގައި އެންމެ ގިނައިން ވާދަކޮށްފައިވާ ބޮޑުފޮޅުދޫގެ މައްޗަށް ފުރަތަމަ މެޗުން ކުރި ހޯދުމުންނެވެ. މިމެޗު ތޮއްޑޫ ކާމިޔާބުކުރީ 2-1 އިންނެވެ.
މިމެޗުގައި ބޮޑުފޮޅުދޫގެ ލަނޑު ޖަހައިދިނީ މުހައްމަދު ޝިރުހާންއެވެ. އަދި ތޮއްޑޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ މަނާލް މުސްތަފާ އާއި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އަލީ ފަހުމީއެވެ.

މިމުބާރާތުގެ ލ.އަތޮޅުގެ މެޗުތައް ފެށިގެން ދިޔައީ ލަ.އަތޮޅުގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ދެ ޓީމުގެ ކުރިމަތިލުމަކުންނެވެ. ލ.އަތޮޅުގެ ގްރޫޕް އޭގައި އިސްދޫ އާއި ގަން ބައްދަލުކުރި މިމެޗު 3-1 ކާމިޔާބުކުރީ އިސްދޫއެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ގަމުންނެވެ. މި ލަނޑު ޖަހައިދިނީ އަލީ ޝާމިސްއެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އިސްދޫގެ އަލީ ހުމޭޒު ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި މެޗުގައި އިސްދޫއިން ލީޑުނެގީ މެޗުގެ އެންމެ ފަހު މިނެޓުގެ ތެރޭގައި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އަލީ މީސާގު އީސާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ކުޑަ އިރުކޮޅެއްފަހުން އިތުރު ވަގުތުގެ ތެރޭގައި އަލީ ހުމޭޒު ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އިސްދޫއަށް ޔަގީން ކޮށްދީފައެވެ.

މިގްރޫޕްގައި ކުޅެވުނު ދެވަނަ މެޗުގައި ދަނބިދޫއިން ވަނީ ފޮނަދޫ ތަފާތު ބޮޑުކޮށް ބަލިކޮށްފައެވެ. މިމެޗުގައި ދަނބިދޫއިން ކާމިޔާބުކުރީ 7-2 އަކުންނެވެ. މިމެޗުގައި ފޮނަދޫގެ ދެލަނޑު ޖަހައިދިނީ އަހުމަދު އަމަން އަލީ އާއި އަހުމަދު އަލްތާފް އަޒީމްއެވެ. މިމެޗުގައި ދަނބިދޫގެ އަހުމަދު ރުވާއު ވަނީ ހެޓްރިކް ހަދާ މެޗު މޮޅު ކުޅުންތެރިއާގެ މަގާމް ހޯދާފައެވެ. ދަނބިދޫގެ އިތުރު ލަނޑުތައް ޖަހައިދިނީ މުހައްމަދު މަފާޒް، އަލީ އިރުފާދު އަދި މޫސާ ހާނިމްއެވެ.

ލ. އަޮތޮޅުގެ ގްރޫޕް ބީގައި ކަލައިދޫ އާއި މާވަށް ބައްދަލުކުރި މެޗު 1-0 އަކުން ކާމިޔާބުކުރީ މާވަށެވެ. މިމެޗުގެ ހަމައެކަނި ލަނޑު ޖަހައިދީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ މާވަށުގެ މުހައްމަދު ފާރިޝް ހަސަންއެވެ. މިގްރޫޕްގައި ކުޅެވުނު ދެވަނަ މެޗުގައި ކުނަހަންދޫއިން ވަނީ މުންޑޫ 3-1 އަކުން ބަލިކޮށްފައެވެ. މިމެޗުގައި ސަހީމް އަބްދުލް ގާދިރު 2 ލަނޑު ޖަހައިދިންއިރު އޭނާއަށް ވަނީ ރަތް ކާޑެއްވެސް ދައްކާފައެވެ. ކުނަހަންދޫގެ އަނެއް ލަނޑު ޖަހައިދިނީ އަހުމަދު އަހުނާފް އަދި މުންޑޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ އިބްރާހިމް ނަޒީލްއެވެ. މިމެޗުގައި ޖުމްލަ 5 ރަތް ކާޑު ވަނި ފެނިގެންގޮސްފައެވެ.