ކުޅިވަރު

އެމްވީ ސްޕޯޓްސްގެ އަމާޒް


އަމާޒަކީ އަންނަ ޖެނުއަރީ މަހު 32 އެތްލީޓުން އެކިޤައުމުތަކަށް ތަމްރީން ޕްރޮގްރާމްތަކަށް ފޮނުވުން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަޙްމަދު މަރުޒޫޤު ވިދާޅުވެއްޖެއެވެ. 

މަރުޒޫޤު މިހެންވިދާޅުވީ މިހާރު ކުރިޔަށްގެންދަވާ އެމްވީ ސްޕޯޓްސް ކެމްޕެއިންއަށް އެސްޓިއޯއިން އެހީތެރިކަން ފޯރުކޮށްދެއްވާތީ އެކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެސްޓިއޯގެ ފަރާތުން އެމްވީ ސްޕޯޓްސް ބެޓަންއާ ހަވާލުވެލެއްވީ އެސްޓީއޯގެ ޗެއާމަން އަޙްމަދު ނިޔާޒެވެ. ބެޓަން ހަވާލްކޮށްދެއްވީ އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަޙްމަދު މަރުޒޫޤެވެ. އެސްޓީއޯ ހެޑް އޮފީހުގައި މިއަދު އޮތް މިރަސްމިއްޔާތުގައި އެސްޓީއޯއިން ރާއްޖޭގެ ކުޅުވަރަށް ކުރައްވަ ހޭދަ ފާހަގަކުރައްވާ މަރުޒޫޤުވަނީ ޝުކުރުއަދާކުރައްވާފައެވެ. މިކެމްޕެއިންގެ ދަށުން އެކިގޮތްގޮތުން ލިބެމުންދާ ސްޕޮންސަރތަކާއެކު އެކު ދުނިޔޭގެ އެކި ޤައުމުތަކަށް ބައްތިރީސް އެތްލީޓުން ފޮނުވުމަކީ އަމާޒްކަމުގައި މަރުޒޫޤު ވިދާޅުވިއެވެ.

" ވަރަށް ބޮޑު ޔަޤީންކަމެއް މިހާރު އެބައޮތް އަޅުގަނޑުމެންގެ އަޒާމަށް ވާސިލް ވެވޭނެ ކަމުގެ. އެއީ އެސްޓީއޯ ފަދައިން މިފަދަ އެހީތަށްވުމަށް ރާއްޖޭގެ ވަރަށް ގިނަ ކުންފުނިތަކުން ތިއްބެވީ ތައްޔާރަށް. ރަސްމީ ސިފައެއްގައި އެކަން ނުވެމިދަނީ އަޅުގަނޑުމެންނާއި އެފަރާތްތަކުގެ ވަގުތު ހުރިގޮތުން. އެހެން ނަމަވެސް ހަމަ ޔަޤީން ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި އަމާޒަށް ވާސިލްވެވޭނެ. " މަރުޒޫޤު ވިދާޅުވިއެވެ.

އެސްޓީއޯގެ ޗެއާމަން އަހްމަދު ނިޔާޒު ވިދާޅުވީ އެސްޓީއޯއެކޭ އެއްފަދައިން ރާއްޖޭގެ އެހެނިހެން ވިޔަފާރި ކުންފުނިތަކުންވެސް ރާއްޖޭގެ އެތްލީޓުން ތަމްރީނު ކުރެއްވުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ ކަމެއްގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވީތީ އެމްއޯސީއަށް ޝުކުރުއަދާ ކުރައްވަ ކަމުގައި ނިޔާޒް ވިދާޅުވިއެވެ.

" މި ސްޕޮންސަރގެ ދަށުން ރާއްޖޭގެ ކޮންމެވެސް އެތްލީޓެއްގެ ތަމްރީނު ޕްރޮގްރާމްގެ ހުރިހާ ޚަރަދެއް އިރާދަ ކުރެއްވިޔާ އެސްޓިއޯއިން ދޭނަން. އަޅުގަނޑުމެން އުއްމީދު ކުރަނީ ރާއްޖޭގެ ކުޅިވަރު މިނޫން އެހެން ހަރުފަތަކަށް ގެންދިއުމަށް އެހެން ކުންފުނިތަކުންވެސް މިފަދަ އެހީތަށް ވެދެއްވާނެ ކަމަށް. " އެސްޓީއޯގެ ޗެއާމަން ނިޔާޒު ވިދާޅުވިއެވެ.

އެމްވީ ސްޕޯޓްސް ކެމްޕެއިނަކީ ރާއްޖޭގެ އެތްލީޓުން ތަމްރީނު ކުރުމަށް ފަންޑް ހޯދުމުގެ ގޮތުން މިހާރު ކުރިޔަށް ގެންދަވާ ޙަރަކާތެކެވެ.