ޚަބަރު

އަގުބޮޑު އައިވީއެފް ފަރުވާ މިއަދު ހިލޭ: އޭގެ ނަތީޖާވެސް އެހާމެ ފޮނި


  • އާސަންދައިގެ ދަށުން އައިވީއެފްގެ ޚިދުމަތް ފޯރުކޮށްދެވެން ފެށުނީ 2023ވަނަ އަހަރު

  • ނޭޝަނަލް ފަރޓިލިޓީ ސެންޓަރެއްވެސް ހުޅުވީ 2024ވަނަ އަހަރު

ދަރިމައިވުމުގެ މައްސަލަތަކަކީ ދިވެހި ގިނަ އާއިލާތަކަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމަކަށްވާއިރު، މީގެ ކުރިން އައިވީއެފް (އިން-ވިޓްރޯ ފާޓިލައިޒޭޝަން)ގެ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ މާލީ ގޮތުންނާއި ނަފްސާނީ ގޮތުން އާއިލާތަކަށް އުފުލަންޖެހުނު ބޮޑު ތަކުލީފެކެވެ.

ރައްޔިތުން އުފުލަމުންދިޔަ މި ކެކުޅުމަށް ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5ވަނަ ދުވަހު އާސަންދައިގެ ދަށުން އައިވީއެފްގެ ޚިދުމަތް ދެއްވުމަށް ނިންމެވިއެވެ. އަދި މިކަމުގެ ހުރިހާ އިންތިޒާމުތަކެއް ހަމަަޖައްސަވާ އެއްވެސް އަގަކާ ނުލައި މި ޚިދުމަތް ދޭން ފެށުނުއެވެ.

"'އެންޑޯމެޓްރިއޯސިސް' އަދި 'ޕީސީއޯއެސް'ގެ ފަރުވާ، އާސަންދަ ސްކީމުން ލިބޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސައިފައި. އަދި 'އައިޔޫއައި' އަދި 'އައިވީއެފް'ގެ ފަރުވާތައް ލިބޭނެ އިންތިޒާމު ހަމަޖައްސައި، 'އައިވީއެފް' އާއި 'އައިޔޫއައި'ގެ ފަރުވާގެ އެހީ 105 ފަރާތަކަށް ހަމަޖެހި، 84 ފަރާތެއް ވަނީ މި ޚިދުމަތް ހޯދަން މިހާރު ފަށައިފައި." މިދިޔަ އަހަރުގެ ރިޔަސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އައިވީއެފްގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، ރައްޔިތުންނަށް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި 2024ވަނަ އަހަރުގެ ފަހުކޮޅު ދަރުމަވަންތަ ހޮސްޕިޓަލުގައި ނޭޝަނަލް ފަރޓިލިޓީ ސެންޓަރެއްވެސް ހުޅުވިއެވެ. މި ސެންޓަރު މެދުވެރިކޮށް ގިނަ ބަޔަކަށް ޚިދުމަތް ފޯރުކޮށްދެމުންދާއިރު، ސަރުކާރުން ދަނީ މިކަމަށް ބޭނުންވާ މާލީ އެހީތެރިކަންވެސް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންނެވެ.

"ވަރަށް ގިނަ ދިވެހި ރައްޔިތުންގެ ހިތްދަތިކަމާ ގުޅިފައިވާ ޞިއްޙީ އަނެއް މައްސަލައަކީ، ދަރިމައިނުވުމުގެ މައްސަލަ. އެކަމާ ގުޅިގެން، ދެމަފިރީންގެ ކިބައިން ބަލަންޖެހޭ ކަންކަމާއި، ދޭންޖެހޭ ފަރުވާ ރާއްޖެއިން ނުލިބުމުގެ ހިތާމަވެރި މައްސަލަ. އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 17 ނޮވެންބަރު 2024ގައި ދަރުމަވަންތަ ހޮސްޕިޓަލުގައި، ނޭޝަނަލް ފަރޓިލިޓީ ސެންޓަރެއް ގާއިމުކޮށް، މިހާރު އެ ޚިދުމަތް ދަނީ ފޯރުކޮށްދެމުން." މިދިޔަ އަހަރުގެ ރިޔަސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މީގެ ކުރިން އާންމު ރައްޔިތެއްގެ ޖީބަށް ކެތްނުވާވަރުގެ އަގުބޮޑު ޚިދުމަތެއްގެ ގޮތުގައި އޮތް އައިވީއެފްގެ ފަރުވާ، މިއަދު އަމިއްލަ ވަޒަނުގައި ތިބެގެން ޖީބަށް ލުއިކޮށް އަދި އެހާމެ ލުއި ފަސޭހަކަމާއެކު ލިބިގެންދިއުމަކީ ގިނަ ބަޔަކު ގަބޫލުކުރަންވެސް ދަތިވި ހަގީގަތެކެވެ. އެހެންނަމަވެސް ސަރުކާރުން ކުރެއްވި މަސައްކަތާއެކު، މިއަދު މިވަނީ އެ ހުވަފެން ހަގީގަތަކަށްވެ، ދިވެހި ފަސްގަނޑުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ދަރިފުޅު އުފަންވެފައެވެ.

އައިވީއެފް ފަރުވާއަކީ ރިސްކް ބޮޑު އަދި މި ފަރުވާ ހޯދުމުގައި ފުރާނައަށް ނުރައްކާ ވެދާނެ ފަދަ ފަރުވާއެކެވެ. އޭގެ ތެރޭގައި ކެންސަރުން ޖެހުމާއި، މިސްކެރިއޭޖް ނުވަތަ ދަރި ބައިގެން ދިޔުމާއި، އުފަންވާ ކުއްޖާގެ ބަރުދަން އާދަޔާ ޚިލާފަށް ލުއިވުންވެސް ހިމެނޭކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. މި ފަރުވާ ފުރަތަމަ ފަހަރުން ކާމިޔާބުވާ މީހުންނާއި، އަދި އެތަށް ފަހަރެއްގެ ފަރުވާއިން ކާމިޔާބުވާ މީހުންވެސް އުޅެއެވެ. އެހެންކަމުން މިފަދަ ފަރުވާއެއް އެހާމެ ކާމިޔާބު ކަމާއެކު ރާއްޖޭގައި ކުރެވިގެންދިއުމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް ޞިއްޙީ މާހިރުން ގަބޫލުކުރެއެވެ.

ކޮންމެއަކަސް ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ދަރިއަކު އުފަންވުމަކީ މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާއަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިއީ އައިވީއެފްގެ ޙިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހި، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތަކަށް އުފުލަމުންދިޔަ ބޮޑު ތަކުލީފަށް ނިމުން ގެނުވާނެ ކަމެކެވެ. އަދި މިއީ ދަރިމައިވުމުގެ މައްސަލަތައް ތަހައްމަލު ކުރަމުންދާ އެތައް އާއިލާތަކަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލަކާއި އުންމީދެކެވެ.