ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރާ އެނދުމަތިވެފައިވާ ފަރާތްތަކުގެ ހާލު ބެލުމަށް އެމީހުންގެ ގާތަށް ޒިޔާރަތް ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ވިދާޅުވެއްޖެވެ.
ރާއްޖޭގައި ދާންމަތިވެ ދިގުމުއްތަކަށް ބޭސްފަރުވާ ކުރާ މީހުން ހޮސްޕިޓަލަށް އަބަދު ގެންގޮސް، ގެނެސް ހެދުން ވެފައި އޮންނަނީ އެ ފަރާތްތަކަށްވެސް އުނދަގޫ ކަމަށެވެ. އެހެންނަމަވެސް ޑޮކްޓަރުންނާއި، ނަރުހުން އެގޭގެއަށް ގޮސް، އެ ފަރާތްތައް ޗެކް ކުރުމަކީ ބަލި މީހާއަށްވެސް ލިބޭނެ ލުއި ކަމެކެވެ.
ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ މެޑިކަލް ޑައިރެކްޓަރ، ޑރ. އައިމިނަތު ޒޭބާ އަޙްމަދު ވިދާޅުވީ އާރބަން ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް މިހާރު ފަށާވާއިރު މީގެ ދަށުން ހޯމް ކެއަރގެ ޚިދުމަތްވެސް ހިމެނޭ ކަމަށެވެ. އެގޮތުން ދިގު މުއްދަތަކަށް ބޭސްފަރުވާކޮށް ދާންމަތިވެފައިވާ ފަރާތްތަކުގެ ގާތަށް ޒިޔާރަތްކޮށް، ޗެކަޕް ހެދުމުގެ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ޒޭބާ ވިދާޅުވީ، މިޕްރޮގްރާމްގައި ޒިޔާރަތް ކުރާނީ އައިޖީއެމްއެޗުގައި ރަޖިސްޓްރީވާ ފަރާތްތަކުގެ ގާތަަށް އެކަނި ކަމަށެވެ. އެހެންކަމުން އެނދުމަތިވެފައިވާ ފަރާތްތަކުގެ ތެރެއިން މިޚިދުމަތް ބޭނުންވާނަމަ ރަޖިސްޓްރީ ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. ޒޭބާ ވިދާޅުވީ، މި ޚިދުމަތުގައި ކޮންމެ 3 މަހަކުން 3 މަހަކުން ބަލި މީހާ ގާތަށް އެތަނުގެ ޓީމުން ޒިޔާރަތް ކުރާނެ ކަމަށެވެ. އަދި ޗެކަޕް ހެދުމާއި، ގޭގައި ބަލި މީހާއަށް އިތުރަށް ފަރުވާ ދިނުމަށް އާއިލާގެ ފަރާތުން ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ މައުލޫމާތު ދެވޭނެ ކަމަށް ވިދާޅުވިއެވެ.
ޒޭބާ ވިދާޅުވީ، ޕްރޮގްރާމް ފެށުމަށް ތައްޔާރުވަމުންދާއިރު އެކަމުގެ ތަމްރީންތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ރަމަޟާންމަސް ނިމުމަށްފަހު މި ޕްރޮގްރާމް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދާންމަތިވެފައިވާ ފަރާތްތަކަށް ޒިޔާރަތް ކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާއިރު، ބަލި މީހުންގެ ހާލަތު ގާތުން ބެލުމަށް ހޯމް ނަރސިންގ ކެއަރ ޚިދުމަތް ފެށުމަށްވެސް އައިޖީއެމްއެޗުން ދަނީ ތައްޔާރުވަމުންނެއެވެ. މި ޚިދުމަތަކީ، އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާ ޚާއްޞަ ބަލި މީހުންނަށް އަމާޒު ކޮށްގެން ފަށާ ޕްރޮގްރާމެކެވެ.