ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލުގެ ޖާގައެއް ރެއާލް މެޑްރިޑް އިން ހޯދައިފި އެވެ.
ރެއާލް މެޑްރިޑް އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސައުދި އަރަބިއްޔާގެ ރިޔާދުގެ ކިންގް އަބްދުالله ސްޕޯޓް ސިޓީގައި ކުޅުނު ސެމީ ފައިނަލް މެޗުގައި އެތްލެޓިކޯ މެޑްރިޑް 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.
ރެއާލް މެޑްރިޑް އިން ވަނީ މި މެޗުގެ ދެވަނަ މިނިޓުގައި ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ ދެވަނަ މިނިޓުގައި ލިބުނު ހިލޭ ޖެހުމަކުން ފެޑެރީކޯ ވަލްވާޑް އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮތްއިރު, މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 10 ވަނަ މިނިޓުގައި ރޮޑްރިގޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި އެތްލެޓިކޯ މެޑްރިޑް އިން ލަނޑެއް ޖަހާފައިވަނީ މެޗުގެ 58 ވަނަ މިނިޓުގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސިމިއޯނީ ދިން ޕާހަކުން އެލެކްޒެންޑަރ ސޯލޮތް އެވެ.
ސްޕެނިޝް ސުޕަރ ކަޕްގެ ޗެމްޕިއަންކަން 13 ފަހަރު މަތިން ހޯދާފައިވާ ރެއާލް މެޑްރިޑް އިން މި މުބާރާތުގެ ފައިނަލުގައި އަންނަ އާދީއްތަ ދުވަހު ނިކުންނާނީ ވާދަވެރި ބާސެލޯނާ އާއި ދެކޮޅަށެވެ.