ޚަބަރު

ދަނގެއްޗާއި މަންދޫ، އދ. އަތޮޅު ސެމީއަށް


  • ޖާގަތައް އެ ދެ ރަށުން ހޯދީ، މި ގުރޫޕުގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށްގެން

  • މަންދޫ އިން ވަނީ އިއްޔެ ހަވީރު، އޮމަދޫގެ މައްޗަށް 0-2 އިން ކުރިހޯދާފަ

  • ގުރޫޕު ބީގެ އެއްވަނަ ދަނގެތިން ހޯދީ، މަހިބަދޫގެ މައްޗަށް 2-3 އިން

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި، އދ. އަތޮޅުގެ ސެމީ ފައިނަލުގެ ޖާގަ ގްރޫޕް އޭއިން މަންދޫ ހޯދިއިރު ގްރޫޕް ބީ އިން ދަނގެތި ހޯދައިފިއެވެ.

މި ޖާގަތައް އެ ދެ ރަށުން ހޯދާފައި ވަނީ، މި ގުރޫޕުގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށްގެންނެވެ.

އެގޮތުން މަންދޫއިން ވަނީ އިއްޔެ ހަވީރު، އޮމަދޫގެ މައްޗަށް 0-2 އިން ކުރިހޯދައިފައެވެ. މި މެޗުގައި މަންދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާދަމް އާޒިމާއި އަޙްމަދު ހަމްދާން އަޒްލީނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އާޒިމެވެ.

މި ގުރޫޕުގައި ދެން ހިމެނޭ ހަންޏާމީދޫއާއި ކުނބުރުދޫގެ ކުރިމަތިލުމުގައި، 0-2އިން ކުރިހޯދީ ހަންޏާމީދޫއެވެ. ހަންޏާމީދޫގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު ޝާނާއި ޙުސެއިން އާނިމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޝާނެވެ.

މި ނަތީޖާތަކާއެކު މި ހަތަރު ޓީމު ހިމެނޭ އދ. ގުރޫޕު އޭގެ އެއްވަނައިގައި މަންދޫ އޮތީ ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި ހަންޏާމީދޫ ހަތަރު ޕޮއިންޓާއެކު އަދި ތިންވަނައިގައި އޮމަދޫ އެއް ޕޮއިންޓާއެކު އޮތްއިރު، ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ކުނބުރުދޫއެވެ.

މި އަތޮޅުގެ ގުރޫޕު ބީގެ އެއްވަނަ މަގާމު ދަނގެތިން ހޯދީ، ދެވަނަ މެޗުގައި މަހިބަދޫގެ މައްޗަށް 3-2 އިން ކުރިހޯދައިގެންނެވެ. މެޗުގައި މަހިބަދޫގެ ދެ ލަނޑު ޖަހައިދިނީ އާދަމް ފަހުމާނާއި އަޔާން ޙަސަން ޖަވީޒެވެ. ދަނގެތީގެ ލަނޑުތަކުގެ ތެރެއިން ދެ ލަނޑު އަޙްމަދު ސުދެއިސް ޢަލީ ކާމިޔާބުކޮށްދިން އިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އަފްޒަލެވެ. މެޗުގެ މޮޅުކުޅުންތެރިއަކީ ސުދެއިސްއެވެ.

މި ގުރޫޕުގައި ދެން ހިމެނޭ ފެންފުށިން ވަނީ އިއްޔެ މާމިގިލީގެ މައްޗަށް 4-7 އިން ކުރިހޯދައިފައެވެ. މެޗުގައި ފެންފުށީގެ މުޙައްމަދު ޝަމްވީލް ހެޓްރިކް ހެދިއިރު މުޙައްމަދު ޢަލީ ވަނީ ދެ ލަނޑު ޖަހައިފައެވެ. އަދި އަބޫބަކުރު މުޙައްމަދާއި ހަމްދޫން ވަލީދު ވަނީ، ކޮންމެ ކުޅުންތެރިއަކު ލަނޑެއް ޖަހައިފައެވެ. މާމިގިލިން މެޗުގައި ޖެހި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާޙީމް މައުރޫފާއި އިބްރާޙީމް އިސްމާޢިލް އަދި ހައިސަމް އަރީފެވެ. މައުރޫފް ވަނީ ދެލަނޑު ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ފެންފުށީގެ ޝަމްވީލެވެ.

މި ގުރޫޕުން ސެމީގެ ފުރަތަމަ ޖާގަ ދަނގެތިން ހޯދިއިރު، އެ ޓީމު އެއްވަނައިގައި އޮތީ ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނައިގައި އޮތް ފެންފުއްޓާއި މަހިބަދޫއަށް ވެސް ތިން ޕޮއިންޓާއެކު ބާކީ އެއް މެޗު އޮތް ނަމަވެސް، ދަނގެއްޗަށް ސެމީ ކަށަވަރުވަނީ، އެ ދެ ޓީމަށް ވެސް ދެން އޮތް މެޗަކީ އެ ދެ ޓީމު ވާދަކުރަން ޖެހޭ މެޗަކަށް ވާތީއެވެ. އެހެންކަމުން އެ ދެ ޓީމަށް، ހަ ޕޮއިންޓު ލިބޭނެ ގޮތެއް ނޯންނާނެއެވެ. މި ގުރޫޕުގެ ތާވަލުގެ ފުލުގައި މާމިގިލި އޮތީ ޕޮއިންޓެއް ނުލިބިއެވެ.