ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑަތަކުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ޓީސީ ސްޕޯޓްސް ބަލިކޮށްފިއެވެ. ނިއު މެޗު ކާމިޔާބު ކުރީ 2-0 ލަނޑުންނެވެ.
މި ނަތީޖާ އެކު ނިއު ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އެއީ 27 ޕޮއިންޓާއެކުއެވެ. މެޗަށް ނުކުތް އިރު ތިންވަނައިގައި އޮތް ބުރު މިހާރު އޮތީ ތާވަލުގެ ހަތަރު ވަނައިގައި 26 ޕޮއިންޓާއެކެއެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާބޮޑު ފޯރިއެއް ނެތް އިރު މާ ރަނގަޅު ހަމަލާތަކެއް ދެޓީމަށް އުފެއްދިފަ އެއްނުވެއެވެ. މެޗުގެ 33 ވަނަ މިނިޓުގައި އަލީ ފާސިރު އޭރިއާ ތެރެއިން އެޓީމުގެ ލައިބީރިއާ މިޑްފީލްޑަރ އަބުދުﷲ ބިލިޓީއަށް ޖައްސާލި ބޯޅަ ދިއައީ ދަނޑިމަތިން ބޭރަށެވެ.
ފުރަތަމާ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޓީސީގެ ގާނާ ދެކުޅުންތެރިންވެގެން އުފެއްދި ހަމަލާ ކީޕަރު ވަނީ އަތުލާފައެވެ. މެޗުގެ ދެވަނަ ހާފުގައި ޓީސީގެ އޭރިއާ ތެރެއިން ނިއުގެ ނައިޖީރިއާ ފޯވާޑް އަލްހާޖީ ގެރޯ ފޮނުވާލި ބޯޅައެއް ކީޕަރު ވަނީ ދިފާއުކޮއްފައެވެ.
މެޗުގެ 85 ވަނަ މިނިޓުގައި ޕެނެލްޓީ އޭރިއާ ތެރެއިން ހާޖީ ފޮނުވާލި ބާރު ހަމަލާ ދިއައީ ގޯލުގެ ދަނޑިކައިރިންނެވެ.
ނިއުއަށް ގޯލު ހުޅުވާލަ ދިނީ މެޗުގެ އިތުރު ވަގުތުގައި އަލީ އަޝްފާގު އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް ހުސްކޮށް ހުރެ ގޯލު އޭރިއާ ތެރެއިން ހާޖީ ގޯލަށް ވައްދައިލައިގެންނެވެ.
ހާޖީ ދެވަނަ ލަނޑު ކާމިޔާބުކުރީ ބްރެޒިލްގެ ޑި ސިލްވަރ އޭރިއާތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލަށް ވައްދައިލައިގެންނެވެ.