ޚަބަރު

ވުލްވްސްބަރގް ބަލިކޮށް ބަޔާން ލީޑު ފުޅާކޮށްފި


  • ވުލްވްސްބަރގާއި ދެކޮޅަށް ބަޔާން މިއުނިކް މޮޅުވީ 8-1 އިން

ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ ވުލްވްސްބަރގާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 8-1 ގެ ނަތީޖާއަކުން މޮޅުވެ ތާވަލުގެ ކުރީގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މެޗުން ބަޔާން މިއުނިކް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން ޖުމްލަ 44 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ބޮރޫޝިޔާ ޑޯޓްމަންޑަށް ލިބިފައިވަނީ 33 ޕޮއިންޓެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި ހަތްދިހަ ފަސް ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބަޔާން މިއުނިކް އިން ޖެހި ފުރަތަމަ ލަނޑަކީ މެޗުގެ 5 ވަނަ މިނިޓުގައި ވުލްވްސްބަރގްގެ ފިޝަރ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

އަދި އޭގެ އަށް މިނިޓު ފަހުން ވުލްވްސްބަރގްގެ ޕެސިނޮވިޗް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މި މެޗުގައި ބަޔާން މިއުނިކް އިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 30 ވަނަ މިނިޓުގައި ލުއިސް ޑިއާޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބަޔާން މިއުނިކް އިން ވަނީ އެ ޓީމުން ކުޅުން ވަރަށް ބޮޑަށް ރަގަޅުކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފައެވެ.

ބަޔާން މިއުނިކުން ދެވަނަ ހާފުގައި ޖުމްލަ ހަ ލަނޑު ޖަހައިފައިވާއިރު އޭގެ ތެރެއިން ދެ ލަނޑު ޖަހާފައިވަނީ މައިކަލް އޮލިސޭއެވެ. އަނެއް ހަތަރު ލަނޑުގެ ތެރެއިން މެޗުގެ 53 ވަނަ މިނިޓުގައި ވުލްވްސްބަރގްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަނީ ލަނޑެއް ވަދެފައެވެ. އަނެއް ތިން ލަނޑަކީ ރަފައެލް ގެރޭރޯ އާއި ހެރީ ކޭންގެ އިތުރުން ލިއޯން ގޮރެޒްކާ ކާމިޔާބުކޮށްދީފައިވާ ލަނޑުތަކެވެ.