ކުޅިވަރު

ބާސެލޯނާއަށް އުފާވެރިކަން، ފާޑުކިއުން ރެއާލަށް


ސްޕެނިޝް ސުޕަކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް ބާސެލޯނާގެ ކުޅުންތެރިން ރެއާލް މެޑްރިޑަށް ފާޑުކިއުން އޮއްސާލައިފި އެވެ.

ސައޫދީ އަރަބިއާގައި ކުޅުނު ފައިނަލް މެޗުން ބާސެލޯނާ މޮޅުވީ ފޯރިގަދަ ކުޅުމަކަށް ފަހު 3-2އިންނެވެ. މި މެޗަށް ފަހު ކުޅުންތެރިން ރެއާލް އަށް ފާޑުކިޔާފައިވަނީ އެ ޓީމުން މާބޮޑަށް ދިފާއީ ގޭމެއް ކުޅުނު ކަމަށް ބުނެ އެވެ.

ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ ބުނީ ރެއާލް މެޑްރިޑް އެހާ ފަހަތަށް ޖެހިގެން ކުޅުމުން ހައިރާންވި ކަމަށެވެ.

"އަހަރުމެން މިތިބީ ވަރަށް އުފަލުން. އަހަރުމެންނަށް އިތުރު ތައްޓެއް މި ލިބުނީ، ހާއްސަކޮށް ރެއާލް މެޑްރިޑް ބަލިކުރެވުމަކީ ވަރަށް ބޮޑު އުފަލެއް. މިއީ ބޮޑު މެޗެއް. މި މެޗުގައި އަހަރުމެން ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ކުޅުނިން. ފަހު ހާފުގައި ވެސް، އެންމެ ފަހުން މޮޅުވީ އަހަރުމެން. އެއީ އެންމެ މުހިންމު ކަންތައް. އަހަރެން މިހުރީ ހައިރާންވެފައި ރެއާލް މެޑްރިޑް ފަހަތުގައި ދިފާއު ކުރަން ތިބުމުން،" ޕޮލެންޑްގެ ފޯވަޑް ލެވޮންޑޯސްކީ ބުންޏެވެ.

އޭނާ ވަނީ މެޗުގައި ދެ ގޯލު ޖެހި ބްރެޒިލްގެ ރަފީނިއާ އަށް ވެސް ތައުރީފްކޮށްފަ އެވެ. ބުނީ ރަފީނިއާ އާއި އޭނާއާ ދެ މީހުން އެކުވުމުން މާބޮޑަށް ނުރައްކާވާ ކަމަށެވެ.

"ރަފީނިއާ ދަނޭ ގޯލު ޖަހަން. އޭނާ އަބަދުވެސް ހުންނަނީ ރަނގަޅު ތަނުގައި. ޓީމެއްގެ ގޮތުގައި އަހަރުމެން ދެ މީހުން ތިބުމުން ވަރުގަދވެ. އަހަރުމެން މޮޅުވީ ޓީމެއްގެ ގޮތުގައި،" ލެވޮންޑޯސްކީ ބުންޏެވެ.

މެޗަށް ފަހު ރަފީނިއާ ބުނީ ބާސެލޯނާ އަށް ތަށި ލިބުމުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށެވެ.

"އަހަރުމެންނަށް އެނގޭ މި މެޗުން އަހަރުމެން މޮޅުވާން ޖެހޭނެކަން. އަހަރެންނަށް ހީވަނީ އަހަރުމެން ވަރަށް ރަނގަޅަށް ކުޅުނުހެން. އެމީހުން ކުޅުނީ ފަހަތުގައި ވަރަށް ބޮޑަށް. އެހެންވީމާ އަހަރެންނަށް ހީވަނީ މެޗުގެ ފުރިހަމަ ނަތީޖާ (ފަހަރު ކުޑަވުމަކީ) އިންސާފެއް ނޫން ހެން،" ރަފީނިއީ ބުންޏެވެ.

އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑް ބުނީ ބާސެލޯނާ އަށް އޭނާ އަށް ފުރަތަމަ ފަހަރަށް ތައްޓެއް ކާމިޔާބު ކުރެވުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.

"އަހަރެން އުއްމީދު ކުރަނީ މި ކާމިޔާބީއާއެކު މި ސީޒަނުގައި އިތުރު ތަށިތަކެއް ލިބިގެންދާނެ ކަމަށް. މި މެޗުގައި އަހަރުމެން ވަރަށް މޮޅަށް ކުޅުނިން. މި މެޗުން އެނގިގެން ދިޔައީ އަހަރުމެންނަށް މި ފެންވަރުގެ މެޗުތަކުން މޮޅުވެވޭނެކަން. އެކަމަކު ބައެއް ކަންކަން ރަނގަޅު ކުރަންޖެހޭ،" ރަޝްފޯޑް ބުންޏެވެ.

މިދިޔަ ސީޒަނުގައި ވެސް ރެއާލް ބަލިކޮށް މި ތަށި ކާމިޔާބު ކުރީ ބާސެލޯނާ އެވެ.