ޚަބަރު

މާޒިޔާގެ ކާމިޔާބީގެ ސިއްރަކީ ހުރިހާ އެންމެން ގުޅިގެން ކުރާ މަސައްކަތް: ކޯޗު


މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މި ސީޒަނުގައި ދިވެހި ލީގުގައި ހޯދަމުން އަންނަ ކާމިޔާބީގެ ސިއްރަކީ، މުޅި ޓީމު ގުޅިގެން ކުރާ ހިތްވަރާއި ބުރަ މަސައްކަތުގެ ނަތީޖާކަމަށް އެ ޓީމުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.

ލީގުގައި ވިކްޓްރީގެ މައްޗަށް ހޯދި މޮޅަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކޯޗު ލުއިސްމާ ބުނީ، މެޗުގައި މޮޅު ގޭމެއް ކުޅެން ވިކްޓްރީން ވަރަށް މަސައްކަތްކުރި ކަމަށާއި އެހެންމަވެސް އެ މެޗު ވެގެންދިޔައީ މާޒިޔާއިން ވަރަށް ފޯމުގައި އޮވެ، ވިކްޓްރީއަށް ވުރެ ތަފާތު މޮޅު ކުޅުމެއް ދެއްކި މެޗަކަށް ކަމަށެވެ. ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭކަމަށް ވެސް ކޯޗު ލުއިސްމާ ބުންޏެވެ.

ސީޒަނުގެ މިހާތަނަށް އައި އިރު ކުޅުނު 14 މެޗުން ވެސް ލީގުގައި މާޒިޔާ ބަލިވެފައި ނުވާއިރު، އަދި 13 މެޗުން މޮޅުވެފައިވާއިރު، މިފަދަ ކާމިޔާބީއެއް ހޯދުނީ ޓީމުގެ ހުރިހާ މެމްބަރުންގެ އެއްބާރުލުމާއި ހިތްވަރާއި ބުރަ މަސައްކަތުން ކަމަށް ކޯޗު ލުއިސްމާ ބުންޏެވެ.

"މިއީ މިކްސްޑް އެއްޗެއް. ހަމައެކަނި ކުޅުންތެރިންނެއް ނޫން. ކުޅުންތެރިންނާއި މެނޭޖްމަންޓާއި ޓެކްނިކަލް ސްޓާފުންނާއި ހުރިހާ އެންމެން ގުޅިގެން، މާޒިޔާގެ ލެވެލް ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން (މި ކާމިޔާބީ ހާސިލްކުރެވުނީ). ބައެއް މެޗުތަކުގައި އެބަހުރި ފަސޭހަ ކޮށްލެވިފަ. އެކަމަކު އެންމެން ގުޅިގެން ކުރާ މަސައްކަތުން ކުރިއަށް ހުރި މެޗުތަކުގައި މާޒިޔާގެ ހަގީގީ ފެންވަރު ދައްކާލެވޭފަދަ ކުޅުމެއް ފެނިގެންދާނެ. އެކަމަށް މި މަސައްކަތްކުރަނީ. މިއަދު ވެސް ދިޔަ އެހެން. އެކަމަކު ޝަކުވާއެއް ކުރެވޭކަށް ނެތް. ލަނޑުތަކެއް ވެސް ޖަހައި، ޖުމްލަ ގޮތެއްގައި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައީ" ޓީމުން ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއި، ފާއިތުވީ މެޗުތަކުގައި ހޯދި ކާމިޔާބީތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ލުއިސްމާ ބުންޏެވެ.

ކޯޗު އިތުރަށް ބުނީ، ޓީމުގެ ބިދޭސީ ކުޅުންތެރިންނާއި މަހިބަދޫއިން ޓީމަށް ގެނައި، އުމުރުފުރައިގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ 19 އަހަރުގެ މުޙައްމަދު އައިހަމް އަންވަރު، މެޗުގައި ދެއްކި ކުޅުމަށް ތައުރީފުކޮށްފައެވެ. މެޗުގައި އައިހަމް ކުޅެން އަރާފައިވަނީ މެޗުގެ 84 ވަނަ މިނެޓުގައެވެ. މާޒިޔާއިން އައިހަމްގެ ސޮއި ހޯދީ އެންމެފަހުގެ ޓްރާންސްފާ ބާޒާރުގައެވެ.

ވިކްޓްރީ އަތުން ހޯދި މޮޅާއެކު މާޒިޔާއިން ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ބޮޅެއް އިތުރުކުރިއިރު، މިހާތަނަށް ކުޅުނު 14 މެޗުން 40 ޕޮއިންޓާއެކު މާޒިޔާ އޮތީ އެއްވަނައިގައެވެ. މެޗުން ބަލިވި ވިކްޓްރީ އޮތީ 20 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.