އިންޑިއާ އަކީ ކުޅިވަރުގައި، ޙާއްސަކޮށް ފުޓުބޯޅައިގައި މި ސަރަހައްދުގެ ގަދަ ބާރަކަށްވީ ނަމަވެސް، ފުޓްސަލްގައި އިންޑިއާ ފެނި ފަހަތަށް ނުޖެހޭނެ ކަމަށާއި ދިވެހި ކުޅުންތެރިން ތިބީ ބުރަ މަސައްކަތްކޮށްގެން މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެ، ނަތީޖާ ނެރުމުގެ އުއްމީދުގައިކަމަށް ޤައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު އާތިފް މުހައްމަދު (އާތީ) ބުނެފިއެވެ.
މިއަދުގެ މެޗަށް ވެފައިވާ ތައްޔާރީތަކާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އާތިފް ވިދާޅުވީ، ރާއްޖޭގެ ޓީމުން ތައިލެންޑުގައި، އިންޑޯ ޕިޗުގައި ކުރިއަށް ގެންދިޔަ ދެ ފަރިތަކުރުމާއެކު، އެ ޕިޗަށް ހޭނެން ރަނގަޅު ފުރުސަތެއް ލިބުނު ކަމަށާއި އެއީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.
"އިންޑޯގައި ބޫޓަށް ވެސް ފަރިތަވާން ޖެހޭނެތާ. މުޅިން އާވާނެތާދޯ ބެލެންސްކުރުމާ އެ ކަންކަން. އެކަން ރަނގަޅުކުރެވޭތޯ، އެއަށް ހޭނެންވެގެން މޫވްމަންޓުތަކެއްގެ އެއްޗެހިތަކެއް ހެދީ. މިސާލަކަށް ބުނަންޏާ ސައިޑަށް ދިޔަސް، ކުރިއަށް ދިޔަސް، އިންޑޯގައި އެ އަންނަ ބަދަލުތަކަށް ހޭނެންވެގެން މޫވްމަންޓް ޓްރެއިނިން ތަކެއް ހެދީ. ގާތްގަނޑަކަށް ބުނަންޏާ 60 އިންސައްތަ ފުރަތަމަ ދުވަހު ވެސް ރަނގަޅުކުރެވުނު". ޓީމުން އިންޑޯ ޕިޗުގައި ބޭއްވި ޓްރެއިނިން ސެޝަންތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު އާތިފް ބުންޏެވެ.
ކޯޗު އާތިފް އިތުރަށް ބުނީ، ޓީމު ތައިލެންޑަށް ފުރީ މިވަގުތަށް ނެގެން އިން އެންމެ ރަނގަޅު ސްކޮޑު ނަގައިގެން ކަމަށާއި ތައިލެންޑުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކަށްފަހު، ފުރަތަމަ މެޗުގައި އަރާ ފުރަތަމަ ފަސް ކުޅުންތެރިން ވެސް ފައިނަލް ކޮށްފައިވާ ކަމަށެވެ. ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި، ފުރަތަމަ ފަހަކަށް ބަދަލެއް ގެންނަންޖެހޭ ނަމަވެސް އަދި ޓީމުގެ ޓެކްޓިކްސްއަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ނަމަވެސް އެ ބަދަލެއް ގެންނާނީ އިންޑިއާ އާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށް ބެލުމަށްފަހުގައި ކަމަށް ކޯޗު އާތިފް ބުންޏެވެ.
މުބާރާތާ ގުޅޭގޮތުން އިންޑިއާގެ ކޯޗު ޖޯޝުއާ ވާޒް ބުނީ، އިންޑިއާއިން މިދިޔަ އަހަރު ކުޅުނު އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކުގައި ލިބުނު ތަޖުރިބާގެ ފައިދާ މި މުބާރާތުގައި ހިފޭނެ ކަމަށެވެ. ޙާއްސަ ގޮތެއްގައި އޭރު ކޮލިފައިންގައި ކުޅުނު ހަތް ކުޅުންތެރިއަކު މިފަހަރުގެ މުބާރާތުގައި ވެސް ކުޅުން އެއީ ލިބޭ އެޑްވާންޓޭޖެއްކަން އޭނާ ފާހަގަކުރިއެވެ. އޭނާވެސް، އިންޑިއާ އެފްއޭ އިން ވެސް އަދި މީޑިއާތަކުން ވެސް ގަބޫލުކުރާ ގޮތުގައި، މުބާރާތުގައި ކުޅޭ އެހެން ހުރިހާ ޓީމަކަށް ވުރެ އިންޑިއާ ވަރުގަދައެވެ.
އަދި މިއީ އިންޑިއާއިން ފުޓްސަލްގައި ފުރަތަމަ ރަންވަނަ ހޯދާނެ މުބާރާތްކަމަށް މިހާރު ވެސް އެފަރާތްތަކުން ގަބޫލުކުރެއެވެ.
މިކަމާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އިން ކުރި ސުވާލަށް ޖަވާބުދެމުން ކޯޗު އާތިފް ބުނީ، އިންޑިއާއާ ދެކޮޅަށް ކުޅެން ޖެހުމަކުން ދިވެހި ޓީމުން ފަހަތަަށް ނުޖެހޭނެ ކަމަށާއި، ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެ، ނަތީޖާ ނެރުމުގެ ވަރުގަދަ އަޒުމެއްގައި ކަމަށެވެ. އަދި ފުރަތަމަ މެޗުން، މުބާރާތުގައި ކުރިއަށްދާންވީ ގޮތް ސާފުވާނެ ކަމަށާއި، ފުރަތަމަ މެޗުގެ އަމާޒަކީ ބަލިނުވުންކަމުގައި ކޯޗު އާތިފް ބުންޏެވެ.
"އިންޑިއާއޭ ބުނީމަ ފަހަތަށް ޖެހޭކަށް ނުޖެހޭނެ އިނގޭ. ފުޓުބޯޅައިގައި މިފަހުން ރާއްޖެ ކައިރިން ރަނގަޅު ނަތީޖާތަކެއް ހޯދި ނަމަވެސް ފުޓްސަލްގައި އެހެން ނޭނގޭނެ ގަދަބަސް ބުނާކަށެއް. އެމީހުން އެބަހުރި އެ ބުނާގޮތަށް ވާދަވެރި މެޗުތަކެއް ކުޅެފަ. ތަޖުރިބާ ހުންނާނެ އެމީހުންގެ. އެކަމަކު ރާއްޖޭ ކުޅުންތެރިން މި ކުޅެނީ އައުޓްޑޯގަ. މަސައްކަތް ދަށެއް ނުވާނެ. އިންޑިއާ މި ޕިޗަށް ހޭލުންތެރިވާނެ ދެ ދުވަހު އިންޑޯގައި ކުޅެލި ބަޔަކަށްވުރެ. ބަލިނުވެ ސަލާމަތްވޭތޯ މަސައްކަތްކުރާނީ". ޓީމާ މެދު ކުރެވޭ އުއްމީދުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު އާތިފް ބުންޏެވެ.
ފުރަތަމަ ފަހަރަށް ބާއްވާ ސައުތު އޭޝިއަން ފުޓްސަލް ޗެމްޕިއަންޝިޕުގެ އަންހެނުންނަށް ޙާއްސަ މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވާދަކުރެއެވެ. އެއީ ރާއްޖެއާއި އިންޑިއާގެ އިތުރުން ސްރީލަންކާ، ޕާކިސްތާން، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލް އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން އިންޑިއާ އާ ދެކޮޅަށް ނުކުްނާނީ މިއަދު މެންދުރު 12:00 ގައެވެ.
މި މެޗު ހިމެނޭހެން މުބާރާތުގެ ހުރިހާ މެޗެއް، ޕީއެސްއެމްގެ ޔެސް ޓީވީ އިން ވަގުތުން ގެނެސްދޭނެއެވެ.