ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި މިއަދު ދިވެހިރާއްޖެއާއި ޕާކިސްތާން ބައްދަލުކުރާނެއެވެ.
މިއީ މި ޑިވިޝަނުގެ ތިންވަނަ މެޗެވެ.
މެޗު ފަށާނީ ރާއްޖެ ގަޑިން 18:00 ގައެވެ.
ފުޓްސަލްގައި ރާއްޖެ އަކީ މުބާރާތްތައް ގިނަ، ވަސީލަތްތައް ގިނަ ޤައުމެކެވެ.
އައުޓްޑޯ ޓާފް ޕިޗުތަކުގައި ކޮންމެ މަހަކު ވެސް، އަގުބޮޑު އެތައް މުބާރާތްތަކެއް ރާއްޖޭގައި ކުޅެއެވެ.
ހަގީގަތަށް ބުނާނަމަ މިއަދު ރާއްޖޭގައި އެންމެ ގިނަބަޔަކު ބަލާ، ޝައުގު ހުންނަ ކުޅިވަރަކީ ފުޓްސަލްއެވެ. މިއާއެކު މި ކުޅިވަރު ކުޅޭ ފަރާތްތައް ގިނަވެ، ފުޓްސަލްގެ ހުނަރުވެރިން ވެސް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިވަގުތު ފުޓްސަލްގައި ރާއްޖޭގައި އެފްއޭ އިން އިންތިޒާމުކުރާ ލީގެއް ނެތް ނަމަވެސް، އަމިއްލަ ފަރާތްތަކުން އަންނަނީ ފޯރިގަދަ، ވާދަވެރި މުބާރާތްތަކެއް ބާއްވަމުންނެވެ.
ފީފާ ރޭންކިންއަށް ބަލާއިރު މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ފުޓްސަލްގައި އެންމެ މަތިން ރޭންކު ކުރެވިފައިވާ ޤައުމަކީ ދިވެހިރާއްޖެއެވެ. ރާއްޖެއަށް ރޭންކިންގައި ލިބެނީ 109 ވަނައެވެ.
ދިވެހިރާއްޖެއިން އެންމެފުރަތަމަ ފުޓްސަލް މެޗެއް ކުޅެފައި ވަނީ މީގެ 22 އަހަރު ކުރިން، 2004 ވަނަ އަހަރުއެވެ. ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އެންމެ ފުރަތަމަ ކުޅުނު ފުޓްސަލް މެޗުން ބަލިވީ 20-0 އިންނެވެ.
ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖޭގެ ދިގު ތާރީޚެއް އޮތްއިރު، ވާދަވެރި 34 މެޗެއް މިހާތަނަށް ކުޅެފައިވެއެވެ. އޭގެތެރެއިން ރާއްޖެ މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ 2022 ވަނަ އަހަރު ތައިލެންޑުގައި ބޭއްވި އެންއެސްޑީއެފް ފުޓްސަލް ޗެމްޕިއަންޝިޕުގައި މޮންގޯލިއާ އާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗެވެ.
މި ދިގު ތާރީޚުގައި ރާއްޖެއިން މިހާތަނަށް ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަނުގައި ހިމެނޭ އެއްވެސް ޓީމަކާ ވާދަކޮށްފައެއް ނުވެއެވެ.
2025:
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފިކޭޝަން - ރާއްޖެ 3-7 މިޔަންމާ (ސެޕްޓެމްބަރު 22)
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފިކޭޝަން - ރާއްޖެ 1-10 އަފްޤާނިސްޠާން (ސެޕްޓެމްބަރު 20)
2023:
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފިކޭޝަން - ރާއްޖެ 3-8 ކިރްގިސްޠާން (އޮކްޓޯބަރު 11)
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފިކޭޝަން - ރާއްޖެ 1-6 ކިރްގިސްޠާން (އޮކްޓޯބަރު 9)
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފިކޭޝަން - ރާއްޖެ 2-18 ކިރްގިސްޠާން (އޮކްޓޯބަރު 7)
ޕާކިސްޠާނަކީ ފުޓްސަލްގައި މާ ވަރުގަދަ ނަމެއް ނޫނެވެ.
ޕާކިސްތާނުގެ ޤައުމީ ފުޓްސަލް ޓީމެއް އެކުލަވައިލައިފައި ވަނީ ވެސް 2025 ވަނަ އަހަރުގެ ތެރޭގައެވެ. ފުޓުބޯޅައިގައި ވެސް ދަތި ހާލަތެއްގައި އޮތުމަށްފަހު އަލުން ކުޅިވަރު ކުރިއެރުވުމަށް ޕާކިސްތާނުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަހަރުގެ މުބާރާތަކީ އެ މަސައްކަތުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ގައުމުން ދެކެއެވެ.
ފީފާ ފުޓްސަލް ރޭންކިންގައި ޕާކިސްތާން އޮތީ 138 ވަނައިގައެވެ.
ކަން މިހެން އޮތް ނަމަވެސް ޕާކިސްތާނަކީ މިވަގުތު ދެރަ ޓީމެކެވޭ ބުނެވޭކަށް ނެތެވެ. މިފަހުން ޕާކިސްތާނުން ވަނީ ވަރަށް ވަރުގަދަ ތަމްރީނު ކޭމްޕެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
ކުރިން ވެސް ފާޙަގަކުރި ގޮތަށް ޕާކިސްތާނަކީ ފުޓްސަލް އަށް ވަރަށް އައު ޤައުމެކެވެ.
2025 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޤައުމީ ފުޓްސަލް ޓީމެއް އެކުލަވާލުމަށްފަހު ޕާކިސްތާނުން ވަނީ މިދިޔަ އަހަރު އޮތް އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކޮށްފައެވެ.
އެ މުބާރާތުގެ ތެރެއިން ޕާކިސްތާނުން ކުޅުނު ތިން މެޗުގައި ޖުމްލަ 25 ލަނޑު އެ ޓީމު ކޮޅަށް ވަދެފައިވެއެވެ. އެ ޓީމަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ ލަނޑެކެވެ.
2025:
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފިކޭޝަން - ޕާކިސްތާން 3-8 ޗައިނީޒް ޓައިޕެއި (އޮކްޓޯބަރު 22)
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފިކޭޝަން - ޕާކިސްތާން 0-13 ސައުދީ އަރަބިއްޔާ (އޮކްޓޯބަރު 20)
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފިކޭޝަން - ޕާކިސްތާން 1-8 އިރާޤް (އޮކްޓޯބަރު 18)
މުބާރާތުގެ ވެސް ފުރަތަމަ މެޗުގައި ރާއްޖެއާއި ޕާކިސްތާނުން މި މެޗަށް ނުކުންނައިރު މިއީ ދިވެހިންގެ އުއްމީދުތަކާ ގުޅިފައިވާ، ޤައުމީ ޓީމު މޮޅުވާނެކަމަށް ގިނަބަޔަކު އުއްމީދުކުރާ މެޗެކެވެ.
އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ނޮންތަބުރި ސްޓޭޑިއަމްގައެވެ.
މުބާރާތުގައި ޖުމްލަ 7 ޓީމު ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، ބޫޓާން، ނޭޕާލް އަދި ޕާކިސްތާނެވެ.