ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގައި އިންޑިއާއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ތައިލެންޑުގެ ބެންކޮކުގައި ހުންނަ ނޮންތަބުރި ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނިމުނީ 4-4 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ބަންގްލަދޭޝްގެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު، ފާހަގަކޮށްލެވޭ ވަރުގެ ކުޅުމެއް ފެނިގެންދިޔައެވެ.
މެޗުގެ ކޮންމެ ހާފެއްގައި ވެސް ދެ ޓީމުން ވެސް ވަނީ ދެ ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ބަންގްލަދޭޝްއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުއީން އަޙްމަދެއެވެ.
ޒުވާން ޓީމަކާ އެކު ކުޅެމުންދިޔަ އިންޑިއާއަށް ފުރަތަމަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ އަންމޯލް އަދިކާރީ ޖެހި ލަނޑުންނެވެ.
މި ހާފުގައި ދެވަނަ ފަހަރަށް ވެސް ލީޑުނެގީ ބަންގްލަދޭޝްއިންނެވެ. މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެނެޑާގައި ފުޓްސަލް ކުޅެމުން އަންނަ ރަހްބާރް ވަހީދު ޚާންއެވެ. އެކަމަކު ހާފު ނިމުމުގެ ކުރިން އިންޑިއާގެ ލާންސަންޕޫޔާ ހުރަސްކޮށްދޭން މަސައްކަތްކުރި ބޯޅަ، ބަންގްލަދޭޝްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ވަނީ ގޯލުގެ ތެރެއަށެވެ.
މިއާއެކު 2-2 އިން ދެ ޓީމު އެއްވަރުވެފައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފު ފަށައިގެން ފުރަތަމަ ލީޑުނެގީ އިންޑިއާއިންނެވެ. މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮލުއަޕޫޔާއެވެ. ފުރަތަމަ ފަހަރަށް ލީޑުގައި އޮވެ އިންޑިއާއިން އުއްމީދުގައި ކުޅެމުން ދަނިކޮށް، މުއީން އަޙްމަދު ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
މި ހާފުގައި ދެވަނަ ފަހަރަށްވެސް ލީޑުނެގީ އިންޑީއާއިންނެވެ. މި ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮލުއަޕޫޔާއެވެ. މި ނަތީޖާއާއެކު މެޗު ނިންމާލުމުގެ އުއްމީދުގައި ކުޅެމުންދިޔަ އިންޑިއާ މާޔޫސްކޮށްލީ، ފުޓްސަލްގެ ތަޖުރިބާ ހުރި، ބަންގްލަދޭޝްގެ ރަހްބާރެވެ.
މި ނަތީޖާއާއެކު ދެ ޓީމު އެއްވަރުވިއިރު މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބޫޓާނާއި ލަންކާގެ ކުރިމަތިލުން ވެސް ނިމުނީ އެއްވަރު ވެގެންނެވެ.
މުބާރާތުގައި މިއަދު 18:00 ގައި ރާއްޖެއިން ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެއެވެ.
މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ.