ތަރައްްޤީ

ޓާޓާ ފްލެޓްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސަވައިފި


ޢަަރަބިއްޔާ އާއި ގާކޮށި ބިމުގައި ސަރުކާރުން ޢިމާރަތްކޮށްފައިވާ ފްލެޓްތަކަށް އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ، އެޗް.ޑީ.ސީ މެދުވެރިކޮށް ދެއްކޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވައިދެއްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޓެޑާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޢަރަބިއްޔާ އާއި ގާކޮށި ބިމުގައި ޢިމާރަތްކޮށްފައިވާ ފްލެޓްތަކަށް ކޮންޓްރެކްޓަރަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި 278,145,960/-ރ (ދުއިސައްތަހަތްދިހައަށްމިލިއަން ސަތޭކަ ސާޅީސް ފަސްހާސް ނުވަސަތޭކަ ފަސްދޮޅަސް) ރުފިޔާ ހައުސިންގ ޑިވެލެޕްމަންޓް ކޯޕަރޭޝަނަށް މިއަދު ދޫކުރައްވާފައިވާ ކަމަށެވެ. އަދި ފްލެޓް ލިބޭ ފަރާތްތަކަށް ލިބިފައިވާ ނުތަނަވަސްކަން ފިލުވައިދެއްވުމަށްޓަކައި، މިހާރު ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ އުޞޫލު ލުއިކޮށްދެއްވައި، އެޗް.ޑީ.ސީ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. މިއުޞޫލާއި ބެހޭ އިތުރު ތަފްޞީލް އެޗް.ޑީ.ސީ އިން ހާމަކުރައްވާނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރައްވައެވެ.