ޚަބަރު

ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާ ކޮމިޝަނަރ ބައްދަލުކުރައްވައިފި


ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން މިވަގުތު މާލޭގައި ތިއްބެވި އޮފިސަރުންނާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ބައްދަލު ކުރައްވައިފިއެވެ.

އިސްކަންދަރުކޮށީގައި އޮތް މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ދެއްކެވި ވާހަކަފުޅުގައި މިއަދުން ފެށިގެން ގިނަ ދުވަސްތަކެއް ބަންދު ދުވަސްތަކެއްގެ ގޮތުގައި ލިބިގެންދާތީއާއި މި ބަންދު ދުވަސްތަކުގެ ތެރޭގައި އަޟްޙާ ޢީދުގެ އުފާވެރި ދުވަސްތައްވެސް އަންނައިރު ރައްޔިތުންނަށް އުފަލާ ހިތްހަމަޖެހުމާއެކު އަދި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ގޮތުގެމަތިން ސަލާމަތީ ކަންކަން ބަލަހައްޓައި ދިނުމަށް އިތުރު މަސައްކަތްތަކެއް ހުރިހާ ފުލުހުން ގުޅިގެން ކުރަން އެދިވަޑައިގެންނެވިއެވެ. ވަކިން ޚާއްޞަކޮށް ކަނޑުމަގުން ކުރެވޭ ދަތުރުތަކާއި، ރަށްރަށުގައި ހިނގާ އެކިއެކި ކުޅިވަރު ޙަރަކާތްތަކާ އެނޫންވެސް އިޖުތިމާޢީ ޙަރަކާތްތަކުގައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވެ ހަމަޖެހުމާއި މަޞްލަޙަތު ދެމިގެންދާނެ ގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދަންޖެހޭކަން ފާހަގަ ކުރައްވައި އެކަމަށް އިސްކަން ދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އޮފިސަރުންގެ ކިބައިން އެދިވަޑައިގަތެވެ.

މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް ހަރުދަނާ ކަމާއެކު ކުރިޔަށް ގެންގޮސް ޤައުމުގައި ހަމަޖެހުން ޤާއިމް ކުރުމަށް ކުރެވޭ މަސައްކަތާއެކު ފުލުހުންނަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން އޮފިސަރ ސޭފްޓީ އިކުއިޕްމަންޓްސް އާއި އެހެނިހެން ވަޞީލަތްތަކަށް 12 މިލއަން ރުފިޔާގެ ތަކެތި ހޯދިފައިވާ ކަމަށެވެ. އަދި މިއީ ސަރުކާރުން އެކަމަށް ދެއްވި ޚާއްޞަ އަހައްމިއްޔަތެއްގެ ތެރެއިން ލިބިގެންދިޔަ ތަކެތިކަން ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަ ކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އެކިއެކި ސަބަބުތަކާހުރެ ލަސްވަމުން ގޮސްފައިވާ، ފުލުހުންނަށާއި ޢާއިލާތަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހިންގާ ބްލޫޒް ހައުސިންގ ސްކީމުގެ މަސައްކަތަށް ބޭނުންވާ ފައިސާގެ ލޯނުގެ ކަންކަން ސަރުކާރުން ކުރެއްވި ބުރަ މަސައްކަތްތަކާއެކު ހަމަޖެހި ހުޅުމާލޭގައި ޢިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް އަލުން ފެށިގެން ހަލުވި ކަމާއެކު ކުރިޔަށް ގެންދަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އަލުން މަސައްކަތް ތާވަލް ކުރެވި އެތާވަލާއެއްގޮތަށް މަސައްކަތްތައް ނިންމުމަށް ގިނަ މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިކަންކަމަކީ ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއަރުވަން ރައީސުލް ޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކޮށްދެއްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކެއް ކަމަށެވެ. މިކަންކަމުގެ އެދެވޭ ފައިދާ އެންމެ ފުރިހމަ ގޮތުގައި ހުރިހާ ފުލުހުންނަށް ލިބިގެންދާނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފުލުހުންގެ މަސައްކަތާ ދޭތެރޭ ސިޔާސީ ބައެއް ފަރާތްތަކުން ނުރަނގަޅު ވާހަކަތައް ދައްކައި، ފުލުހުންގެ ސަފުތަކުގެ ބަދަހިކަން ނަގާލަން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވައި އެ ފުރުޞަތު އެއްވެސް މީހަކަށް ދެއްވައިގެން ނުވާނެ ކަމުގައި ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.