މިއަހަރުގެ އެޕްރީލްމަހު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓަށް މިހާތަނަށް 315 ޝަކުވާއެއް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުން ލިސްޓް އާންމުކޮށް، ޝަކުވާއަށް ހުޅުވާލާފައެވެ. އިލެކްޝަނުން އާންމުކުރި ލިސްޓަށް ބަލާއިރު ކައުންސިލް އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 294,937 މީހުންނަށެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ވަރަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިއަދު ހަވީރު 06:00 ގެ ނިޔަލަށް 315 ޝަކުވާ ލިބިފައިވާއިރު، މީގެ ތެރެއިން ގިނަ ޝަކުވާތަކަކީ ރަޖިސްޓަރީގައި ހިމެނާފައިވާ އެޑްރެސް ބަދަލުކުރުމަށާއި، ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަންތައް ރަޖިސްޓަރީއިން އުނިކުރުމަށް ހުށަހަޅާފައިވާ ޝަކުވާތަކެއް ކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.
އިލެކްޝަނުން ވިދާޅުވީ، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅޭނީ، މިމަހުގެ 18ވަނަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ކަމަށެވެ. އަދި މި މުއްދަތުގައި ހުރިހާ ފަރާތްތައްވެސް، ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓު ދިނުމުގެ ޚައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ޗެކްކޮށް، މި ރަޖިސްޓަރީގައިވާ މަޢުލޫމާތުތައް ކަށަވަރުކުރުމަށްފަހު އެއްވެސް ޝަކުވާއެއްވާނަމަ، އެ ޝަކުވާއެއް ހުށަހެޅުމަށް ވަނީ އެދިފައެވެ.
މިގޮތަށް ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މަޢުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށް އިލެކްޝަނުން ވިދާޅުވެއެވެ. އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ.
އިންތިޚާބާގުޅޭ އެއްވެސް މަޢުލޫމާތެއް ހޯދުމަށް ބޭނުންވާނަމަ، އެ ކޮމިޝަނުގެ ކޯލް ސެންޓަރ 1414 އަށް ގުޅުއްވުމަށް އިލެކްޝަނުން މައުލޫމާތުދެއެވެ. އަދި ހުކުރު ދުވަސްފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 08:00 އަށް ކޯލް ސެންޓަރުގެ ޚިދުމަތް ލިބޭނެ ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ.