ކޮޕާ ޑެލްރޭގެ ރައުންޑް އޮފް 16 ގައި ސްޕެއިންގެ ދެވަނަ ޑިވިޝަނުގައި އޮތް އަލްބަސެޓޭ އަތުން ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އޭނާކަމަށް، ރެއާލް މެޑްރިޑުގެ ކޯޗުކަމާ މިފަހުން ހަވާލުވި އަލްވާރޯ އާބެލޯއާ ބުނެފިއެވެ.
މެޗަށްފަހު އާބެލޯއާ ބުނީ، މެޗުގެ ނަތީޖާއާ ގުޅިގެން މީހަކު ކުށްވެރިވާނަމަ، އެ މީހާއަކީ އޭނާ ކަމަށާއި، ނަގަންޖެހޭ ހުރިހާ ޒިންމާއެއް ވެސް ނަގާނީ އޭނާ ކަމަށެވެ. ސަބަބަކީ މެޗަށް އެކުލަވާލި ޓީމާއި، ގެނައި ބަދަލުތަކާއި ޓީމުން ކުޅުނު ގޭމު ރޭވީ އޭނާކަމަށް ވާތީކަމަށް ވެސް އާބެލޯއާ ބުންޏެވެ.
ލަލީގާގައި ލެވާންޓޭއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ތައްޔާރުވުމުގެ ގޮތުން ކޮޕާ ޑެލްރޭގައި ރޭ ކުޅުނު މެޗުގައި އާބެލޯއާ ވަނީ ރެއާލްގެ ގިނަ އަދަދެއްގެ ތަރިން ޓީމު ލިސްޓުން ބާކީކޮށްފައެވެ. އެގޮތުން ކުދިކުދި އަނިޔާއިން ރިކަވާވެ، އަރާމުކުރުމަށް ވަގުތު ދިނުމުގެ ގޮތުން ކިލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް، ކީޕަރު ތިބޮއު ކޯޓުއާ، ރޮޑްރިގޯ އަށް މި މެޗަށް އެކުލަވާލި ޓީމު ލިސްޓުން ފުރުސަތު ލިބިފައެއް ނުވެއެވެ.
އާބެލޯއާ ބުނީ މެޗަކުން ބަލިވުމާ މެދު ވެސް އަދި ފެއިލް ވުމާމެދު ވެސް ބިރު ނުގަންނަ ކަމަށެވެ. އަދި މި ބައްޔާ ގުޅިގެން މީހުން ކިޔާފާނެ ކޮންމެ އެއްޗަކާ ވެސް ކުރިމަތިލާނެ ކަމަށާއި ފެއިލް ވުމަކީ ކާމިޔާބީއަށް ވާސިލްވުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ވެސް އާބެލޯއާ ބުންޏެވެ.
ރެއާލް އެންމެފަހުން މި މުބާރާތުގެ ރައުންޑް އޮފް 16 އިން ކަޓާފައި ވަނީ 2023-2024 ވަނަ ސީޒަނުގައެވެ. އެ ފަހަރު ރެއާލް މުބާރާތުން ކެޓީ އެތުލެޓިކޯ މެޑްރިޑް އަތުން ވީ ބައްޔާއެކުއެވެ.
އަލްވާރޯ އާބެލޯއާގެ ކޯޗުކަމުގައި ރެއާލުން ކުޅުނު ފުރަތަމަ މެޗުން ބަލިވިއިރު، އޭނާ ރެއާލްގެ ކޯޗުކަމާ ހަވާލުވީ، އެ މަގާމުގައި ކުރިން ހުރި ޒަބީ އެލޮންސޯ މަގާމުން ވަކިވުމާ ގުޅިގެންނެވެ. އެލޮންސޯ ކޯޗުކަމުން ވަކިވީ ސްޕެނިޝް ސުޕާ ކަޕްގެ ފައިނަލުގައި ބާސެލޯނާ އަތުން ވީ ބައްޔާއެކުއެވެ.