ޚަބަރު

ޕިއްޒާ ހިފައިގެން ގޭދޮަށަށް ޑްރޯން އަންނަނީ


ޑްރޯން ބޭނުންކޮށްގެން ޑިލިވަރކުރުމުގެ ޚިދުމަތްދޭ ފުރަތަމަ ކުންފުންޏަށްވުމަށް ޑޮމިނޯސް ޕިއްޒާއިން މަސައްކަތް ފަށައިފިއެވެ.

މިދިޔަ ބުރާސްފަތިދުވަހު ޑޮމިނޯސްއިން ވަނީ ނިއުޒީލަންޑުގެ އޯކްލަންޑުގައި ޑްރޯން ބޭނުންކޮށްގެން ޕިއްޒާ ގެންގޮސްދިނުމުގެ ޓެސްޓް ދަތުރުތަކެއްކޮށްފައެވެ. އަދި އެދަތުރުތަކަށްފަހު ޑޮމިނޯސްއިން ބުނީ، މިއަހަރުގެ ފަހުކޮޅު މިޚިދުމަތް ރަސްމީކޮށް ފަށާ، ޑްރޯން ބޭނުންކޮށްގެން ޑިލިވަރީގެ ޚިދުމަތްދޭ ފުރަތަމަ ކުންފުންޏަށްވުމަށް އަމާޒު ހިފާފައިވާކަމަށެވެ.

"އަހަރެމެން އަބަދުވެސް ބުނަން 2 ކިލޯގެ އޯޑަރެއް ޑިލިވަރކުރަން 2 ޓަނުގެ އުޅަނދެއް ބޭނުންކުރުމަކީ ހަމަޖެހޭކަމެއް ނޫންކަމަށް" ޓެސްޓު ދަތުރުތަކަށްފަހު ޑޮމިނޯ ޕިއްޒާގެ ސީއީއޯ ޑޮން މެއިޖް ބުންޏެވެ.

4.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒީލަންޑުގައި ޑްރޯން ބޭނުންކޮށްގެން ޑިލިވަރީގެ ޚިދުމަތްދިނުމުގެ ހުއްދަ އެޤައުމުގެ ސަރުކާރުން ވަނީ މިދިޔަ އަހަރު ދީފައެވެ.

img:http://s3.psmnews.mv/images/660x400/14734130677199.jpg|ޕިއްޒާ ޑިލިވަރކުރަން ޑޮމިނޯސްއިން ބޭނުންކުރާ ޑްރޯން

"އަހަރެމެންގެ ޤާނޫނުތަކާއި ޤަވާއިދުތައް ހުރި ގޮތުން މިޚިދުމަތް ދިނުމަށް އެކަށީގެންވާ މާޙައުލެއް އެބައޮތް" ނިއުޒިލެންޑުގެ ޓްރާންސްޕޯޓް މިނިސްޓަރ ސައިމަން ބްރިޖަސް ވިދާޅުވިއެވެ.

ނިއުޒިލެންޑުގައި ޑްރޯން ބޭނުންކޮށްގެން ޕިއްޒާ ގެންގޮސްދިނުމުގެ ޓެސްޓު ދަތުރުތަކަށްފަހު، ޑޮމިނޯސްއިން ދަނީ އޮސްޓްރޭލިއާ، ބެލްޖިއަމް، ފްރާންސް، ހޮލެންޑު، ޖަޕާން އާއި ޖަރުމަންވިލާތުގައި ޑްރޯން ބޭނުންކޮށްގެން ޑިލިވަރީގެ ޚިދުމަތްދިނުމުގެ ތަޖުރިބާ ދަތުރުތަކެއްކުރެވޭތޯ ބަލަމުންނެވެ.

ޑޮމިނޯސް ޕިއްޒާ އެންޓަޕްރައިޒަސް އިން ޑްރޯން ބޭނުންކޮށްގެން ޑިލިވަރީގެ ޚިދުމަތްދިނުމަށް ތައްޔާރުވަމުންދާއިރު، އެމެޒޯންއާއި ގޫގުލް ފަދަ ދުނިޔޭގެ ބައެއް ބޮޑެތި ކުންފުނިތަކުންވެސް ދަނީ ޑްރޯން ބޭނުންކޮށްގެން ޑިލިވަރީގެ ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

މިދިޔަމަހު އެމެރިކާގެ ކުންފުންޏަކުން ވަނީ ކޮފީއާއި ޑޯނަޓާއި ސޭންޑްވިޗް ޑްރޯން ބޭނުންކޮށްގެން ޑިލިވަރކުރުމުގެ ޓެސްޓް ދަތުރުތަކެއްކޮށްފައެވެ.