ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބުގެ ފޯކަސް ހުރީ ބާކީ ހުރި ހުރިހާ މެޗެއްގައި ވެސް މަދުވެގެން ޕޮއިންޓެއް ހޯދަންކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.
ލީގުގައި ނިއުރޭޑިއަންޓް އަތުން ފަހުވަގުތު ވީ ބައްޔަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އާތިފް ވަނީ، ނިއުއިން މެޗުގައި ހޯދި މޮޅަށް މަރުހަބާ ކިޔާފައެވެ.
މި ސީޒަނުގައި ބަލިނުވުމުގެ ރެކޯޑެއް ދަމަހައްޓަމުން އަންނަ މާޒިޔާއިން ލީގުގައި މޮޅެއް ނުހޯދުނީ ހަމައެކަނި ޓީސީއާ ދެކޮޅަށް ކަމަށްވާއިރު، ފަހުވަގުތު އެރޭ ނަތީޖާއަކީ ކުޅުންތެރިންގެ ކުޅުމުގެ ފެންވަރު ދަށްވެގެންވާ ކަމެއް ނޫންކަން އާތިފް ފާހަގަކުރިއެވެ. އަދި އަމާޒަކީ ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކައި، ބަލިނުވެ ސަލާމަތްވުންކަމަށް އާތިފް ބުންޏެވެ.
"އަޅުގަނޑުމެން މާޒިޔާއާ ޑްރޯކުރި މެޗު ވެސް އެއީ ފަހުވަގުތު. ބޯޅަ ކުޅެންޏާ އަންނާނެ ފަހުވަގުތު މޮޅުވާ ދުވަހާއި ފަހުވަގުތު ބަލިވާ ދުވަސްވެސް. އެއީ މައްސަލައެއް ނޫން. އަޅުގަނޑުމެންގެ ފޯކަސް ހުރީ، ކުރިއަށް ހުރި މެޗުތަކުގައި ވެސް، މި ކުރި މަސައްކަތްކޮށްގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރަން". އާތި ބުންޏެވެ.
ލީގުގެ ދެވަނަ ބުރުގެ މެޗުތައް ފެށިގެން މިދިޔަ މުއްދަތުގެ ތެރޭގައި، މެޗަކަށްފަހު މެޗެއް ޓީސީގެ ކުޅުންތެރިންގެ ކުޅުން ރަނގަޅުވަމުން އަންނަކަން ވެސް "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އާތިފް ފާހަގަކުރިއެވެ. އެހެންކަމުން ކުރިއަށް ހުރި މެޗުތަކުގައި ވެސް "އިމްޕުރޫވްވުމުގެ" މި ސިލްސިލާ ދެމިގެންދާނެކަމަށް އުއްމީދުކުރާކަމަށް އާތިފް ބުންޏެވެ.
ޓީސީގެ އަމާޒަކީ ކުރިއަށް ހުރި ކޮންމެ މެޗަކުން ވެސް މަދުވެގެން ޕޮއިންޓެއް ހޯދުންކަމަށް ޓީމުގެ ކޯޗު އާތިފް ބުނިއިރު ލީގުގައި ޓީސީއަށް ދެން އެންމެ އަވަހަށް އޮތީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް މި މަހުގެ 18 ވަނަ ދުވަހު ކުޅެން އޮތް މެޗެވެ. އެއަށްފަހު ކްލަބް ވެލެންސިއާ އާ ދެކޮޅަށް 24 ވަނަ ދުވަހު ނުކުންނަން ޖެހޭއިރު 29 ވަނަ ދުވަހު ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ޓީސީ ނުކުންނާނެއެވެ. އަދި މި ސީޒަނުގެ ލީގުގެ ފަހު މެޗުގައި ޓީސީ ނުކުންނާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
ލީގު ތާވަލަށް ބަލާއިރު ޓީސީ މިވަގުތު ހަތްވަނައިގައި އޮތީ 14 މެޗުން ނުވަ ޕޮއިންޓާއެކުއެވެ. މި މަގާމަކީ ރެލިގޭޝަން ޕްލޭއޮފް ކުޅެން ޖެހޭ މަގާމެކެވެ.