ޚަބަރު

ފަނޑިޔާރުންގެ ދިފާޢުގައި ދައްކަންޖެހޭ ވާހަކަތައް ދައްކާނެ: ޙުސްނީ


  • ފަނޑިޔާރުންނަކީ އެ ބޭފުޅުން ކުރާ މަސައްކަތްތަކުގެ ވާހަކަ އެކި ޕްލެޓްފޯމްތަކުގައި ދެއްކޭނެ ބައެއް ނޫން

  • ދިގުލައިގެން ގޮސްފައިވާ މައްސަލަތަކުގެ ސަބަބުން ފަނޑިޔާރުންނަށް އޮންނަ އިތުބާރު ވަނީ ކުޑަވެފައި

ފަނޑިޔާރުންގެ ދިފާއުގައި ދައްކަންޖެހޭ ވާހަކަތައް ދައްކާ، ފަނޑިޔާރުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ރައީސް އަލްއުސްތާޛު ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.

ޙުސްނީ މިހެން ވިދާޅުވީ، ސިވިލް ކޯޓުގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ޙުސްނީ ވަނީ ފަނޑިޔާރުންގެ މަސައްކަތްތަކާއި އެ ބޭފުޅުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފައެވެ.

ޙުސްނީ ވިދާޅުވީ ފަނޑިޔާރުންނަކީ އެ ބޭފުޅުން ކުރާ މަސައްކަތްތަކުގެ ވާހަކަ އެކި ޕްލެޓްފޯމްތަކުގައި ދެއްކޭނެ ބައެއް ނޫން ކަމަށާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަކީވެސް އެގޮތަށް އެކަންކަން ކުރެވޭނެ ބައެއް ނޫން ކަމަށެވެ. އަދި ތަފާސްހިސާބުތަކާއި ރިޕޯޓުތައް ޝާޢިއު ކުރެވުނު ނަމަވެސް، ދިގުލައިގެންގޮސްފައިވާ މައްސަލަތަކުގެ ސަބަބުން ފަނޑިޔާރުންގެ މަސައްކަތްތަކަށް އަދި އެމީހުންނަށް އޮންނަ އިތުބާރު ކުޑަވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ޖުދީޝިއަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުންގެ ދިފާއުގައި ވާހަކަދައްކަން ބޭނުންވޭ. ފަނޑިޔާރުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރަންވެސް ބޭނުންވޭ. އެގޮތައް ބަލާއިރު ޖޭއެސްސީއަކީ ހަމައެކިނި ފަނޑިޔާރުންގެ މައްސަލަތައް ބަލައި ތަހުގީގުކުރާ ތަނެއް ނޫން. މިދެންނެވި ގޮތަށް ފަނޑިޔަރުންގެ ދިފާއުގައި ދައްކަންޖެހޭ ވާހަކަތައް ދައްކާ އެކަމަށް މަސައްކަތް ކުރާނެ." ޖޭއެސްސީގެ ރައީސް އަލްއުސްތާޛު ޙުސްނީ މުބާރިކް ވިދާޅުވިއެވެ.

ސިވިލް ކޯޓުގައި އަލަށް ތަޢާރަފްކުރި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ޝަރުޢީ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތްތަކަށް އިތުރުވެގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށާއި، މި އައު ނިޒާމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެފުށް ފެންނަ މިންވަރު އިތުރުވެ، ޝަރުޢީ ދާއިރާއަށް އޮންނަ އިތުބާރު އާވެގެންދާނެ ކަމަށް ޙުސްނީ ވިދާޅުވިއެވެ. އަދި މިއީ ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިވިލް ކޯޓަކީ އެންމެ ގިނަ މަސައްކަތްތަކެއް ކުރާ އެއް ކޯޓުކަން ފާހަގަކުރައްވައި ޙުސްނީ ވިދާޅުވީ، ކޯޓުތަކުގެ މަސައްކަތްތަކާ މެދު ރައްޔިތުން ސުވާލު އުފައްދާ ކަންތައްތަކެއް ހުރި ނަމަވެސް، ރައްޔިތުން ބަލައިގަންނަ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ޚާއްޞަކޮށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ހުސްނީ ވިދާޅުވީ، މިހާރު ނިމޭ މައްސަލަތަކުގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، ގިނަ ދުވަސްވީ މައްސަލަތަކަށް ހައްލެއް ނުލިބޭނަމަ ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނާނެ ކަމަށެވެ. އެހެންކަމުން، އާ ސިސްޓަމްގެ އެހީގައި މައްސަލަތައް އަވަހަށް ނިންމުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު އަލްއުސްތާޛު ހުސްނީ މުބާރަކް ވިދާޅުވިއެވެ.

ސިވިލް ކޯޓުގައި ބޭނުންކުރަން ފެށުނު މި އައު ސިސްޓަމާއެކު އެކޯޓުން ކުރިއަށްގެންދާ އަޑުއެހުންތަކަށް ބޭނުންވާ ކަންކަމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކޯޓުން ގަބޫލުކުރެއެވެ. ސިވިލް ކޯޓުން ހާމަކުރި ގޮތުގައި، އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސަބަބުން ކޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ހަލުވިވެ، ފަސޭހަވެގެންދާނެއެވެ.