ޚަބަރު

ފިއުޝަން މެޓަލް ޓްރޭނިންގ ޕްރޮގްރާމް ނިންމާލައިފި


މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް،އެމްއެންޑީއެފާއި އެމެރިކާގެ ނޭވީ ގުޅިގެން ހިންގި ފިއުޝަން މެޓަލް 1-16 ޓްރޭނިންގ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އޯގަސްޓް އަށާވީހުން މިއަދުގެ ނިޔަލަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ.ކައްދޫގައި ހިންގި މިޓްރޭނިންގ ޕްރޮގްރާމަކީ ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމާއި ދިފާޢީ ކަންކަމަށް އަހުލުވެރިކުރުވުމަށް، ޢަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން ދިވެހި އަސްކަރިއްޔާ އާއި އެމެރިކާގެ ނޭވީ ގުޅިގެން ހިންގުނު ތަމްރީން ޕްރޮގްރާމެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމެރިކާގެ ނޭވީގެ މުދައްރިބުންކަމަށާއި، ގިނަ އަދަދެއްގެ ސިފައިން ތަމްރީން ޕްރޮގްރާމްގައި ބައިވެރިވިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

img:http://s3.psmnews.mv/images/660x400/14734327326415.jpg|ފިއުޝަން މެޓަލް ޓްރެއިންންގެ ތެރެއިން ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

ތަމްރީން ޕްރޮގްރާމް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ.ކައްދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ތަމްރީންގެ ބައިވެރިވި ފަރާތްތަކަށާއި މުދައްރިބުންގެ ގޮތުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމްއެވެ. މިރަސްމިއްޔާތުގައި އެމެރިކާގެ ނޭވީގެ ސިފައިންގެ ފަރާތުން އެމްއެންޑީއެފަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. އެމެރިކާގެ ނޭވީގެ ސިފައިންގެ ފަރާތުން މި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ލެފްޓިނެންޓް މައިކަލް މޯފެޓިސްއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން މި ފިލާއާ ހަވާލުވެލެއްވީ އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމްއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ ޢަލީ ރިޒާ އާއި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވި ސިފައިންނާއި އެމެރިކާގެ ނޭވީގެ ސިފައިން ބައިވެރިވިއެވެ.