ޚަބަރު

ސާފް ފުޓްސަލް: ލަންކާ ބަލިކޮށް ނޭޕާލުން ފެށުން ރަނގަޅުކޮށްފި


ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގެ މެޗްޑޭ 2 ގައި ނޭޕާލުން ސްރީލަންކާގެ މައްޗަށް ކުރިހޯދައިފިއެވެ.

މިއީ މި މުބާރާތުގައި ލަންކާއިން ކުޅުނު ދެވަނަ މެޗުކަމުގައިވީ ނަމަވެސް، މިއީ ނޭޕާލްގެ ފުރަތަމަ މެޗެވެ. ލަންކާގެ ފުރަތަމަ މެޗުގައި ވަނީ ބޫޓާނާ ދެކޮޅަށް ކުޅެ އެއްވަރުވެފައެވެ.

ތައިލެންޑުގެ ބެންކޮކުގެ ހުއާ މާކް އިންޑޯ ސްޓޭޑިއަމުގައި ލަންކާއާ ދެކޮޅަށް ކުޅެ ނޭޕާލް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ލަންކާއިންނެވެ. ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ލަންކާއަށް ލީޑުނަގައިދިން ލަނޑު ޖަހައިދިނީ މުޙައްމަދު ކުރްޝީތު މުޙައްމަދު މުޙައްމަދު ޝަޖާންއެވެ.

ލަންކާއިން ލީޑުނެގިތާ ފަސް މިނެޓުފަހުން ނޭޕާލުން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަރޯޖް ތަމަންގެވެ.

ހަމަހަމަ ނަތީޖާއެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފު ފަށައިގެން ވަރަށް ކުރީކޮޅު ނޭޕާލުން ވަނީ ދެވަނަ ލަނޑު ޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީވެސް ސަރޯޖް ތަމަންގެވެ.

މި ނަތީޖާއާއެކު ނޭޕާލުން ތިން ޕޮއިންޓު ހޯދިއިރު ނޭޕާލަކީ މި މުބާރާތުގައި މެޗަކުން މޮޅުވި ދެވަނަ ޓީމެވެ. މެޗްޑޭ 1 ގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅެއް ފެނިގެންދިޔައީ ހަމައެކަނި ރާއްޖެއިން ޕާކިސްތާނުގެ މައްޗަށް 1-7 އިން ކުރިހޯދި މެޗުގައެވެ. ދެން ކުޅުނު ދެމެޗު ވެސް ވީ އެއްވަރެވެ.

އެހެންކަމުން ތާވަލުގެ އެއްވަނައިގައި ރާއްޖެއިން ތިން ޕޮއިންޓާއި ފައިދާ ހަ ގޯލާއެކު އޮތްއިރު ދެވަނައިގައި ނޭޕާލް އޮތީ ތިން ޕޮއިންޓާއި ފައިދާ އެއް ގޯލާއެކުއެވެ. މެޗުން ބަލިވި ލަންކާ އޮތީ ދެ މެޗުން އެއް ޕޮއިންޓާއި ގެއްލުން އެއް ގޯލާއެކު ތާވަލުގެ ފަސްވަނައިގައެވެ. ފުލުގައި ޕާކިސްތާން އޮތީ ޕޮއިންޓެއް ނުލިބި، ގެއްލުން ހަ ގޯލާއެކުއެވެ.