ޚަބަރު

ބަންގްލަދޭޝް ވެސް ބަލިކޮށް ރާއްޖެއިން ތާވަލްގެ އެއްވަނައިގައި ހަމަޖެހިލައިފި


  • ފުރަތަމަ ހާފު ނިމުނީ 1-4 އިން ރާއްޖެ ކުރީގައި އޮވެގެން.

  • މި މެޗު ކުޅުނު ދަނޑަކީ، ރާއްޖެއިން ފުޓްސަލްގައި ފުރަތަމަ ފަހަރަށް މޮޅުވި މެޗު ކުޅުނު ދަނޑު. އެއީ 2022 ވަނަ އަހަރު.

  • ރާއްޖެ ތާވަލުގެ އެއްވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި، ބަންގްލަދޭޝް އަތުން ވެސް ބޮޑު މޮޅެއް ހޯދައި، މުބާރާތް ކާމިޔާބުކުރުމުގެ އުންމީދު ބޮޑުކޮށްފިއެވެ.

މުބާރާތުގެ މެޗުތައް ނިމޭއިރު އެންމެ ގިނަ ޕޮއިންޓު ހޯދާފައިވާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެއެވެ.

މި މުބާރާތުގައި ރާއްޖޭގެ ވެސް އަދި ބަންގްލަދޭޝްގެ ވެސް ދެވަނަ މެޗުގައި ރާއްޖެއިން ބަނގްލަދޭޝްގެ މައްޗަށް ކުރިހޯދީ 1-6 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ރާއްޖެ ޓީމުން ވަނީ މެޗު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ލަނޑެއް ޖަހައި ލީޑުނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަމް މުޙައްމަދު އިމްރާން (އިންމި) އެވެ.

އޭގެފަހުން ހާފުގެ ނުވަވަނަ މިނެޓުގައި ރާއްޖެއިން ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައިވެއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އިޝާން އިބްރާޙީމް (ސައްޓު) އެވެ. އަދި އޭގެ މިނެޓެއްހާއިރު ފަހުން އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) ވަނީ އިމްރާން ހުސްކޮށްލާފައި ދިން ބޯޅައަކުން ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ހާފުގެ 16 ވަނަ މިނެޓުގެ ތެރޭގައި ރާއްޖެއިން ހަތަރުވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ހިލޭޖެހުމަކުން އަލީ ޝިޔާޙް ފޮނުވާލި ހަމަލާއެއް ގޯލަށް ވަނަ ނުދޭން، ބަންގްލަދޭޝްގެ އައުޓްފީލްޑް ޕްލެޔަރެއް ކަމަށްވާ އިންތިޝާރު މުސްތަފާ ޗޯދުރީ ބޯޅައިގައި އަތުން ޖެހުމުން ލިބުނު ޕެނަލްޓީއެއްގައި ޝިޔާޙް ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ހޭންޑްބޯލްއާ ގުޅިގެން އިންތިޝާރަށް ރެފްރީ ވަނީ ރަތްކާޑެއް ދައްކައިފައެވެ.

މި ހާފުގެ ކުޅުން ހަމަވާން 21 ސިކުންތަށްވެފައި ވަނިކޮށް ބަންގްލަދޭޝް އިން ވަނީ ލަނޑެއް ޖަހައިފައެވެ. ހާފުގެ މެދެއްހައި ހިސާބުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއެއްގައި ބޯޅަ ގޯލުގެ ތެރެއަށް ވައްދައިލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޤާޒީ އިބްރާޙީމް އަޙްމަދެވެ.

ދެވަނަ ހާފު ފަށައިގެން ވާދަވެރި އެހެންނަމަވެސް ދެ ޓީމުން ވެސް ހަމަހަމަ ކުޅުމެއް ދެއްކިއިރު، މި ހާފުގައި ދެ ޓީމުން ވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މި ހާފުގައި ވެސް ރާއްޖެ ޓީމުގެ ފަރާތުން އެޓޭކިން ގޭމެއް ކުޅުނުއިރު ހާފުގެ 10 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ފަސްވަނަ ލަނޑު ޖަހައިފައެވެ. މިއީ ކެޕްޓަން އިމްރާން ފޮނުވާލި ބާރު ހަމަލާއެއް ބަންގްލަދޭޝްގެ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) ގެ ގައިގައި ޖެހިފައި ބޯޅަ ގޯލުގެ ތެރެއަށް ވަނުމުން ރާއްޖެއަށް ކާމިޔާބުކުރެވުނު ލަނޑެކެވެ.

ރާއްޖެއިން މެޗުގައި ޖެހި ފަހު ލަނޑު، މެޗުގެ ފަހު މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މިއީ ޕަވާ ޕްލޭއެއްގައި ބަންގްލަދޭޝް ކުޅުންތެރިން ކީޕަރާއެކު ކުރިއަށް އަރައިހުރި ވަގުތެއްގައި ހޯދި ބޯޅައަކުން ޝާފިއު ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗު ކުޅުނު ބެންކޮކުގެ ހުއާ މާކް ސްޓޭޑިއަމަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ފުޓްސަލްގައި ފުރަތަމަ ފަހަރަށް މޮޅުވި މެޗު ކުޅުނު ދަނޑެވެ. އެއީ 2022 ވަނަ އަހަރު، އެންއެސްޑީއެފް ފުޓްސަލް މުބާރާތުގައި މޮންގޯލިއާ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗެވެ.

މި މޮޅާއެކު ރާއްޖެއިން މުބާރާތުގެ ގްރޫޕް ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނޭޕާލާއި ތިންވަނައިގައި އޮތް ޕާކިސްތާނަށް ވެސް ތިން ޕޮއިންޓު ލިބިފައިވެއެވެ. ހަތަރުވަނައިގައި އޮތް އިންޑިއާ، ފަސްވަނައިގައި އޮތް ސްރީލަންކާ އަދި ހަވަނައިގައި އޮތް ބޫޓާނަށް ވެސް ޕޮއިންޓެއް ލިބިފަިއވާއިރު ފުލުގައި އޮތް ބަންގްލަދޭޝްއަށް ވެސް ޕޮއިންޓެއް ލިބިފައިވެއެވެ. ތާވަލުގެ މަގާމުތައް ބިނާވެފައި ވަނީ ފައިދާ ގޯލަށެވެ.