މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ އާއި ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ސިއްރުން ބައްދަލުކުރަން ނިންމާފައިވާ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނަން ފަށައިފި އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން މޮރީނިއޯ ވަނީ އޭނާ އާއި ރެއާލް މެޑްރިޑާ ގުޅުވައިގެން ހިޔާލީ ވާހަކަ ނުދައްކަން އެދިފަ އެވެ.
ޕޯޗުގަލްގެ ބެންފީކާގައި މިވަގުތު ހުރި ކޯޗު މޮރީނިއޯ އަކީ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗެކެވެ. އޭނާ އަކީ ޕެރޭޒް ވަރަށް އިތުބާރު ކުރާ އަދި ލަފާ ހޯދާ މީހެކެވެ. މި ދެ މީހުން ބައްދަލު މިކުރަނީ ރެއާލް މެޑްރިޑުން އަންނަ ސީޒަނަށް ކޯޗެއް ހޯދަން މަސައްކަތް ފަށާފައިވަނިކޮށެވެ. ގިނަ މީޑިއާތަކުން ތުހުމަތު ކުރާ ގޮތުގައި ޕެރޭޒް ދެ ވަނަ ވަރަށް ރެއާލްގެ ކޯޗުކަން މޮރީނިއޯ އަށް ދިނުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ. ސަބަބަކީ މޮރީނިއޯ އަކީ ޕެރޭޒް އިތުބާރު ކުރާ މަދު ކޯޗުންގެ ތެރެއިން އެކަކު ކަމަށްވުމާއި ރެއާލްގައި ތިބި ދުނިޔޭގެ ތަރިން ކޮންޓްރޯލް ކުރެވޭނެ ވަރުގެ ކޯޗަކު ހޯދަން އެ ކުލަބަށް ޖެހިފައިވާތީ އެވެ.
މޮރީނިއޯ ވަނީ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯގެ ދުވަސްވަރު ރެއާލްގެ ކޯޗުކަންކޮށް، އޭރުގެ ވަރުގަދަ ބާސެލޯނާ ވެސް ހުއްޓުވައިފަ އެވެ. އޭނާ އަށް ތިން ސީޒަނުން ވެސް ނުކުރެވުނު ކަމަކީ ރެއާލް އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމެވެ.
ރެއާލްގެ ކޯޗުކަން ހުސްވެފައިވާއިރު ބެންފީކާގެ ނަތީޖާތައް ވެސް އެހާ ރަނގަޅު ނޫނެވެ. މިހެންވެ މޮރީނިއޯ އަނެއްކާ ވެސް ބޮޑު ކުލަބަކަށް ދިއުމަށް މިސްރާބު ޖެހުމަކީ ގާތުގައިވާ ކަމެކެވެ.
އޭނާ ބެންފީކާ އަށް ދިޔައީ އިޓަލީގެ ރޯމާއިން ވަކި ކުރުމުންނެވެ. އޭގެ ކުރިން އޭނާ ވަނީ ދެ ފަހަރެއްގެ މަތީން ޗެލްސީ އަށް ކޯޗުކޮށްދީ އެ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އަދި އިޓަލީގެ އިންޓަމިލާނާއި ޕޯޗުގަލްގެ ޕޯޓޯ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިނެވެ.