ޚަބަރު

ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިޠާބު


ބަރަކާތްތެރި އަޟްޙާ ޢިދުގެ އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެކެވެ. މި ތަހުނިޔާގައި މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން ތިއްބެވި އެންމެހައި އުޚުތުންނާއި އަޚުން އަޅުގަނޑު ޝާމިލުކުރަމެވެ.މިބަރަކާތްތެރި ޢީދުގެ އުފަލުގައި އިސްލާމީޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ނުހަނުބޮޑު އުފަލެކެވެ.

އަޟްޙާ ޢީދަކީ މުސްލިމުންގެ މެދުގައި ހިތްހެޔޮ ކަމުގެ ޝުޢޫރުތައް ފާޅުކޮށް، އުޚުއްވަތްތެރިކަމާއި އެކުވެރިކަން ބަދަހި ކުރުމުގެ ޢީދެކެވެ. އެކަކު އަނެކަކަށް ތަހުނިޔާއާއި ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކޮށް، އެކަކު އަނެކަކަށް އެހީތެރިވެދީ، އެއްބަނޑުއެއްބަފާކަމުގެ ގުޅުންތައް އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގެ ޢަޒުމު އާކުރުމަށް ލިބޭ އުފާވެރި ފުރުޞަތެކެވެ. 

އަޟުޙާޢީދުގެ ދުވަސްތައް އަޅުގަނޑުމެން ފާހަގަކުރަމުން ގެންދާއިރު، ރާއްޖޭގައި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރަށް އެކި ފިއްތުންތައް ކުރިމަތި ކުރުވައި، ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ފަތުރައިގެން ރާއްޖެ ބަދުނާމު ކުރުމުގެ މަސައްކަތްތަކެއް ބޭރުގެ އެކިފަރާތްތަކާ ގުޅިގެން ދިވެހިންގެ މަދު ބަޔަކު ކުރަމުންގެންދާކަން އަޅުގަނޑު މިއަދުވެސް ހިތާމައާއެކު ފާހަގަކުރަމެވެ. އެކަމުގެ ސަބަބުން ރާއްޖެއަށާއި ރާއްޖޭގެ އިޤްތިޞާދަށާއި ރާއްޖޭގެ ރައްޔިތުންނަށް ހީނުކުރާފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުމަކީ، ދުރުގައި އޮތް ކަމެއް ނޫނެވެ. 

މިފަދަ ޢަމަލުތަކަކީ، ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އެއްބައިވަންތަކަމުގެ ގުޅުމަށް ބުރޫ އަރައި، ޤައުމުގެ މަޞްލަޙަތު ގެއްލިގެންދާނެ ކަންކަންވެސް މެއެވެ.ސަރުކާރުން އަމާޒު ހިފާފައި މިވަނީ، ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދައިދިނުމުގެ މައްޗަށެވެ. މިގޮތުން ވަޢުދުތައް ފުއްދައިދިނުމަށާއި، ރައްޔިތުންގެ ލުއިފަސޭހައަށް ސަރުކާރުން މި ކުރާ މަސައްކަތްތަކުގެ ނަތީޖާ މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު މިދަނީ ފެންނަމުންނެވެ. ގިނަ މަޝްރޫޢުތަކެއް ނިމި އޭގެ ފައިދާ ރައްޔިތުންނަށް މިހާރުވެސް މި އަންނަނީ ލިބެމުންނެވެ. އެހެންކަމުން، ސަރުކާރަށް ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރުވިކަމުގައިވިޔަސް އަދި ރާއްޖޭގެ އަގު ވައްޓާލުމަށް ކިތަންމެ މަސައްކަތްތަކެއް ކުރި ކަމުގައިވިޔަސް، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ސަރުކާރުން ހިންގަމުން ގެންދާ އެއްވެސް މަޝްރޫޢަކަށް އިރާދަކުރެއްވިއްޔާ އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މި ފުރުޞަތުގައިވެސް ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ.

އަޅުގަނޑުގެ ދުޢާއަކީ، އަޟްޙާޢީދުގެ މިބަރަކާތްތެރި ދުވަސްތަކަކީ، ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރި ދުވަސްތަކެއްކަމުގައި މާތްﷲ ލެއްވުމެވެ. ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޤާއިމުވެފައިވާ، އެއްބަނޑުއެއްބަފާކަމުގެ މަތިވެރި ގުޅުން އިތުރަށް ބަދަހިކުރުމުގެ ތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރުކުރެއްވުމެވެ. މިފަދަ އުފާވެރި ދުވަސްތައް ބާއްޖަވެރިކަމާއި އުފާ ފާގަތިކަންމަތީ، މި ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް ތަކުރާރު ކުރެއްވުމެވެ. 

އާމީން!