ޚަބަރު

ދޯސްތީގެ 17ވަނަ އެޑިޝަން ރަސްމީކޮށް އިފްތިތާޙުކޮށްފި


  • މިހަރަކާތް އިފްތިތާޙުކޮށްދެއްވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން

  • މިހަރަކާތް ކުރިއަށް ގެންދާނީ މިމަހުގެ 17 އިން 19 އަށް

ދިވެހިރާއްޖެ، އިންޑިއާ އަދި ސްރީލަންކާ ގުޅިގެން ކޮންމެ ދެ އަހަރުން އެއް އަހަރަކު ބާއްވަމުން އަންނަ "ދޯސްތީ" ތަމްރީނުތަކުގެ 17 ވަނަ އެޑިޝަން ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ހަރަކާތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ، މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާ ކޯސްޓު ގާޑުގެ ޑިރެކްޓަރ ޖެނެރަލް އެޑްމިރަލް ރޯހަން ޖޯސެފް ވިދާޅުވީ، ދޯސްތީ ތަމްރީނަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބާއްވާ އެންމެ މުހިންމު އެއް ތަމްރީނު ކަމަށެވެ. އަދި މި ތަމްރީނު ފެށުނީއްސުރެ މިއަދާ ހަމައަށް އައިއިރު، މިއީ ސަރަޙައްދީ ސަލާމަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނު ހަރަކާތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ތިން ޤައުމު ބައިވެރިވެގެން ކުރިއަށްގެންދާ މި ތަމްރީނުތަކުން ދައްކުވައިދެނީ ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި އަދި އުނދަގޫ ގޮންޖެހުންތަކުން އަރައިގަނެވޭނީ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމާއި، ގުޅިގެން މަސައްކަތް ކުރުމާއި، އަދި އެކަކު އަނެކަކަށް އޮންނަ އިތުބާރު. އެއްވެސް ޤައުމަކަށް އެކަނި މިފަދަ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިނުލެވޭނެ." ސްރީލަންކާ ކޯސްޓު ގާޑުގެ ޑިރެކްޓަރ ޖެނެރަލް އެޑްމިރަލް ރޯހަން ޖޯސެފް ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވަނީ މީގެ އަހަރުތަކެއް ކުރިން ކޮލަމްބޯގައި ހިނގި ހާދިސާއާއި، ކަނޑުމަތީގައި ހިންގާ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގެ މިސާލު ދައްކަވާފައެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމުގައި ތިން ޤައުމުގެ ކޯސްޓުގާޑުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

އިންޑިއާ ކަނޑަކީ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދޭ މުހިންމު މަގަކަށްވާއިރު، މި ސަރަޙައްދަށް ދިމާވާ ނުތަނަވަސް ކަމަކީ މުޅި ދުނިޔޭގެ އިޤްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަން ފާހަގަކުރައްވާ، މިފަދަ ތަމްރީނުތަކުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުން ޤާއިމުވެގެންދާނެ ކަމަށް ސްރީލަންކާ ކޯސްޓު ގާޑުގެ ޑިރެކްޓަރ ޖެނެރަލް އެޑްމިރަލް ރޯހަން ޖޯސެފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިންޑިއާ ކޯސްޓުގާޑުގެ ޑިރެކްޓަރ ޖެނެރަލް އެޑްމިރަލް ހަރްމޭޝް ޝްރްމާނީ ދެއްކެވި ވާހަކަފުޅުގައި ވޭތުވެދިޔަ 35 އަހަރު ދުވަހުގެ ތެރޭގައި މި ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އޭނާ ވިދާޅުވީ، ޑިޕްލޮމެޓިކް ގުޅުންތައް ރަސްމީވުމުގެ މާ ކުރިންވެސް، އިންޑިއާ ކަނޑަކީ ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި، ބަހާއި އަދި ސަޤާފަތް ބަދަލު ކުރުމަށް މަގުފަހިކޮށްދިން މުހިންމު ވަސީލަތެއް ކަމަށެވެ.

"އިންޑިއާ ކަނޑަކީ ހަމައެކަނި ބޮޑު ފެންގަނޑެއް ނޫން. އެއީ، ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ވިޔަފާރިއާއި ހަކަތައިގެ މުހިންމު ޙިއްސާއެއް އުފުލައިދޭ އިސްތިރާޖީ ނިޒާމެއް. މި ކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކުގައި ގާތްގަނޑަކަށް 3 ބިލިއަން މީހުން ދިރިއުޅޭއިރު، މިއީ އާދަޔާ ޚިލާފު ފުރުސަތުތަކާއި ބޮޑެތި މަސްއޫލިއްޔަތުތަކެއް އެކުލެވިގެންވާ ސަރަޙައްދެއް." އިންޑިއާ ކޯސްޓުގާޑުގެ ޑިރެކްޓަރ ޖެނެރަލް އެޑްމިރަލް ހަރްމޭޝް ޝްރްމާނީ ވިދާޅުވިއެވެ.

ކޯސްޓްގާޑުތަކުގެ ދައުރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، ކޯސްޓުގާޑުތަކަކީ ކަނޑުގެ ސަލާމަތްތެރިކަން ރައްކާތެރި ކުރާ ފަރާތްތަކުގެ އިތުރުން، ތިމާވެށި ޙިމާޔަތް ކުރާ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ކަމަށެވެ. މިއީ ޢިލްމީ މާހިރުން ސިފަކުރާ 'ބްލޫ ހިއުމަނިޒަމް' ނުވަތަ ކަނޑުގެ ދުޅަހެޔޮކަމާއި މުޖުތަމަޢުގެ ފާގަތިކަން ގުޅިފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެކްސަސައިޒު ދޯސްތީއަކީ އިންޑިއާ، ދިވެހިރާއްޖޭ އަދި ސްރީލަންކާގެ ކޯސްޓުގާޑު ގުޅިގެން ކޮންމެ 2 އަހަރުން އެއް އަހަރު ކުރިއަށް ގެންދާ އެކްސަސައިޒެކެވެ. މީގެ 35 އަހަރު ކުރިން މި އެކްސަސައިޒު ފެށީ، އިންޑިއާ އަދި ރާއްޖޭގެ ކޯސްޓުގާޑާ އެކުގައެވެ. ނަމަވެސް 2012 ވަނަ އަހަރުން ފެށިގެން ސްރީލަންކާއިން ދަނީ މިއެކްސަސައިޒުގައި ބައިވެރިވަމުންނެވެ. މި އެކްސަސައިޒު ކުރިއަށް ދާނީ، މިމަހުގެ 17 އިން 19 އަށް ކަމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ވިދާޅުވެއެވެ.

މިއަހަރުވެސް މި އެކްސަސައިޒުގެ ތެރެއިން ސާރޗު އެންޑް ރެސްކިއު ޑްރިލްތަކާއި، މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސް އަދި މެރިޓައިމް ސެކިއުރިޓީއާއި ގުޅުންހުރި ޑްރިލްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ވިދާޅުވިއެވެ. މިއީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޑްރިލްތަކެއް ކުރިއަށް ގެންދާ އެކްސަސައިޒެކެވެ. އެހެން ނަމަވެސް، މި އެކްސަސައިޒު ކުރިއަށްދާއިރު އެ ސަރަޙައްދުތަކުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ ޢިލްތިމާސްކޮށްފައެވެ.