ޚަބަރު

ފަހުވަގުތު އޮޑި ޖެހި ލަނޑުން މާޒިޔާ އިތުރު އިންތިޒާރަކަށް


  • []

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވާން ދަނިކޮށް މެޗުގެ އެންމެ ފަހު ވަގުތު އޮޑި ސްޕޯޓްސް ކުލަބުން ޖެހި ލަނޑުން މާޒިޔާ ލީގު ހޯދުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

މިމެޗު އެއްވަރުވެގެން ނިމުނުނަމަ ކުޅިބަލަން އޮތް މާޒިޔާ އަށް 5 ވަނަ ފަހަރަށް ލީގު ލިބިގެންދާނެއެވެ. ވެލެންސިއާ ދެކޮޅަށް ކުޅެ އޮޑި މޮޅުވީ 2-1 ލަނޑުންނެވެ.

މި ނަތީޖާ އެކު އޮޑި ދެވަނައިގަ އޮތީ 15 މެޗުން ހޯދި 35 ޕޮއިންޓާއެކުއެވެ. މާޒިޔާ ތާވަލުގެ އެއްވަނަ ލިބެނީ 15 މެޗުން ހޯދި 43 ޕޮއިންޓާއެކުއެވެ. އެކަމަކު މިހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮއްގެން މާޒިޔާ ލީގު ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި އެޓޭކްގައި ގިނަ ހަމަލާތަކެއް ނުފެނު ނަމަވެސް މުޅި މެޗު ކޮންޓްރޯލް ކޮއްގެން ކުޅުނީ އޮޑިންނެވެ. މެޗުގެ 12 ވަނަ މިނިޓުގައި ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާހިމް ޒަކީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިއައީ ގޯލުގެ އަރިމަތިންނެވެ.

މެޗުގެ 14 ވަނަ މިނިޓުގައި އޮޑީގެ އަހުމަދު އައިހަމް ވެލެންސިއާގެ އޭރިއާ ތެރެއިން ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު ފަހަނައަޅާ ދިޔުމުން އެ ބޯޅަ ގޯލުގެ ރޮނގުމަތިން ސަލާމަތް ކޮއްދިނީ ވެލެންސިއާގެ މިސްރު ޑިފެންޑަރ އަބްދުލާތީ ބެސަލް މުހައްމަދެވެ.

އޮޑިން މެޗުގައި ލީޑު ނެގީ 38 ވަނަ މިނިޓުގައި އަޔާޒް އަހުމަދު ކާމިޔާބުކޮއްދިން ލަނޑުންނެވެ. އޭރިއާ ތެރެއިން އަޔާޒް ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގަ ޖެހިފަ ގޯލަށް ވަތްއިރު ކީޕަރު ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

މެޗުގެ 51 ވަނަ މިނިޓުގައި އޭރިއާ ބޭރުން އިބްރާހިމް ވަހީދު ހަސަން އޭރިއާ ބޭރުން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ 80 ވަނަ މިނިޓުގައި ވެލެންސިއާ އިން ނަތީޖާ ހަމަހަމަ ކުރީ ކޯނަރެއްގައި އައިދު މުހައްމަދު ޖަވީޒް ބޮލުން ކާމިޔާބު ކުރި ލަނޑުންނެވެ.

މެޗުން އޮޑި މޮޅުވި ލަނޑު ކާމިޔާބުކުރީ އިތުރު ވަގުތު އެންމެފަހު ވަގުތުގައި އާނިއު އަޓަންޑާ އޯވާހެޑް ކިކްއަކުން ކާމިޔާބު ކުރި ލަނޑުންނެވެ.

މިއީ މި ލީގުގައި ވެލެންސިއާ ބަލިވި 11 ވަނަ މެޗެވެ.