އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ކުޑަވަގުތުކޮޅެއް ކުރިން ސެންގާލް ޓީމުގެ ފަރާތުން ފެނުނީ ހުތުރު މަންޒަރެއް ކަމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފި އެވެ.
މޮރޮކޯގައި އެ ގައުމާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު ބައްލަވަން ދަނޑަށް ވަޑައިގެން އިންނެވި އިންފަންޓީނޯ މެޗު ނިމުނުތާ 38 ގަޑިއިރު ފަހުން ވާހަކަ ދައްކަމުން ވިދާޅުވީ ސެނެގާލް އަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
"ފެނިގެންދިޔައީ ވަރަށް ހުތުރު މަންޒަރެއް. އަހަރެން އުއްމީދު ކުރަނީ މިކަން ރަނގަޅަށް ބެލުމަށްފަހު އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާއިން މިކަމަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅެއް އަޅާނެ ކަމަށް،" އިންފަންޓީނޯ ވިދާޅުވި އެވެ.
މި މެޗުގެ އިތުރު ވަގުތުގައި މެޗު ފުރިހަމަ ކުރަން ދެކޮޅު ހަދައި ސެނަގާލް ޓީމު ދަނޑުން ފޭބި އެވެ. އެއީ އެ މީހުން ޖެހި ގޯލެއް ބަލައި ނުގަނެ އިތުރު ވަގުތުގައި ރެފްރީ މޮރޮކޯ އަށް ޕެނަލްޓީ އެއް ދިނުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ. އެނބުރި ސެނެގާލް ދަނޑަށް ނުކުތީ ގާތްގަނޑަކަށް 18 މިނިޓަށް ފަހު އެވެ.
އިންފަންޓީނޯ ބުނީ ރެފްރީންގެ ނިންމުންތަކަށް ކޮންމެ ބަޔަކު ވެސް ފުރިހަމަ އަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި ސެނެގާލް ކުރި އަމަލަކީ ފުޓްބޯޅައިގައި މީގެ ފަހުން އެހެން ބަޔަކަށް އެކަން ކުރަން ފުރުސަތު ލިބޭނެ ފަދަ ކަމަކަށް ހަދައިގެން ނުވާނެ ކަމަށެވެ.
މި މެޗުގެ މައްސަލަ މޮރޮކޯއިން މިހާރު ވަނީ ރަސްމީކޮށް އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާ އާއި ފީފާ އަށް ލިޔެފަ އެވެ. އެ މީހުން އެދެނީ ސެނެގާލް ކާމިޔާބު ކުރި ތަށި އަތުލައި އެ ގައުމަށް އެކަށީގެންވާ އަދަބެއް ދިނުމަށެވެ.
ސެނެގާލް ޓީމު ދަނޑުން ބޭލީ ކޯޗު ޕާޕާ ތިއޯ އެވެ. އޭނާ ވަނީ ފަހުން އެކަމަށް މައާފަށް އެދިފަ އެވެ. އަދި ބުނީ ރެފްރީންނަށް ވެސް ގޮސް ހެދޭ ކަމަށާއި އޭނާ އެގޮތަށް އަމަލު ކުރީ ޖަޒުބާތުގައި ކަމަށެވެ.