ރެއާލް މެޑްރިޑުން މިދިޔަ ދޮޅު އަހަރު ތެރޭގައި ނެރެފައިވާ ދެރަ ނަތީޖާތަކާ ހެދި ކުލަބުގެ ސަޕޯޓަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފި އެވެ.
މި ގޮތުން ރޭ ލެވަންޓޭ އަތުން 2-0 އިން ރެއާލް މޮޅުވި މެޗުގައި ސަޕޯޓަރުން ވަނީ އަމިއްލަ ދަނޑުގައި ތިބެ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ އިސްތިއުފާ އަށް ގޮވާލައި އަޑުގަދަކޮށްފަ އެވެ. މީގެ އިތުރުން ސަޕޯޓަރުން ވަނީ ކުޅުންތެރިންނަށް ހާއްސަކޮށް ވަކިވަކި ބައެއް ކުޅުންތެރިންނަށް ވަރަށް ބޮޑަށް މަލާމާތްކޮށްފަ އެވެ. މި ގޮތުން ސަޕޯޓަރުންގެ ރުޅި އެންމެ ބޮޑަށް އަމާޒުވި އެއް ކުޅުންތެރިއަކީ ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާ އެވެ.
ސަޕޯޓަރުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހިފައިވާ އެއް ކަމަކީ ރެއާލް މެޑްރިޑުން ކޯޗު ޒަބީ އަލޮންސޯ ވަކިކުރުމެވެ. އޭނާ ވަކިވީ ވިނީޝިއުސް އާއި ސީނިއާ ބައެއް ކުޅުންތެރިންނާމެދު އުފެދިފައި އޮތް ދެބަސްވުމުގެ ތެރެއިން މެނޭޖްމަންޓުގެ ސަޕޯޓް ނުލިބިގެންނެވެ.
މިފަދަ ހިތްހަމަނުޖެހުންތަކުގެ ތެރެއިން ޕެރޭޒްގެ އިސްތިއުފާ އަށް ސަޕޯޓަރުން ގޮވާލިއިރު އޭނާ އަކީ ރެއާލް މެޑްރިޑުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ރައީސެވެ. އެ ކުލަބަށް ދުނިޔޭގެ އެތައް ތަރިންނެއް ގެނެސް ކާމިޔާބު ހޯދުމުގެ ފަހަތުގައި ހުރި ވެރިމީހާ އެވެ. ނަމަވެސް މިދިޔަ ދޮޅު އަހަރުތެރޭގައި ރެއާލް އަށް ތައްޓެއް ލިބިފައިނުވާއިރު ވާދަވެރި ބާސެލޯނާ އަތުން ވަނީ މުހިންމު އެތައް މެޗެއްގައި ބަލިވެފަ އެވެ.
ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތަކާމެދު ޕެރޭޒް ވަނީ ވަރަށް ބޮޑަށް ކޯފާވެފަ އެވެ. އޭނާ ބުނީ ރެއާލް މެޑްރިޑުގެ ދަނޑަކީ އެ ކުލަބުގެ ސަޕޯޓަރުން ކުލަބާއި ކުޅުންތެރިންނަށް އެއްބާރުލުންދީ ހިތްވަރުދީ ހަދާ ތަނެއް ކަމަށެވެ. މިއީ ކުލަބާއި ކުޅުންތެރިންނަށް މަލާމާތްކޮށް ހަދަންޖެހޭ ތަނެއް ނޫން ކަމަށާއި އެކަން ކުރަން ޖެހޭނީ ދަނޑުބޭރުގައި ކަމަށެވެ. އަދި ދަނޑުގައި އެފަދަ ކަންކަން ކުރާނީ ކުލަނު ދެކެ ލޯބިވާ ބައެއް ނޫން ކަމަށެވެ.
ރެއާލްގެ ކޯޗުކަމުން ޒަބީ އަލޮންސޯ ވަކިވާން ޖެހުނީ މެނޭޖްމަންޓުން އޭނާ އަށް އެއްބާރުލުން ނުދީ ކުޅުންތެރިންނާ އެކުވުމުންނެވެ. މިއީ ސަޕޯޓަރުން ވަރަށް ބޮޑަށް ނުރުހިފައިވާ ކަމެކެވެ.