އިނގިރޭސި ޕްރިމިއަރ ލީގުގެ ޕޮއިންޓު ތާވަލުގައި ރެލިގޭޝަން ޒޯނުގައި އޮތް ބާންލީއާ ދެކޮޅަށް ކުޅެ އެންމެފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލް އެއްވަރުވެއްޖެއެވެ.
ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ލިވަޕޫލުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް ވެސް އުފެއްދި މި މެޗުގައި އެ ޓީމަށް ކުރިމަތިވި އެންމެބޮޑު ގޮންޖެހުމަކަށްވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ލިވަޕޫލުންނެވެ. ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްލޯރިއަން ވާޓްސްއެވެ.
ލީޑުގައި އޮވެ ލިވަޕޫލުން ދެވަނަ ހާފު ފެށި ނަމަވެސް، މި ހާފު ފަށައިގެން 25 ވަނަ މިނެޓުގައި ބާންލީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކަސް އެޑްވާޑްސްއެވެ.
މި ނަތީޖާއާއެކު ލިވަޕޫލް ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތީ 22 މެޗުން 36 ޕޮއިންޓާއެކުއެވެ. ފަސްވަނައިގައި އޮތް މެންޗަސްޓަރ ޔުނައިޓެޑް އޮތީ 35 ޕޮއިންޓާއެކުއެވެ. މެޗުގައި ލިވަޕޫލް މޮޅުވިޔަ ނުދީ ހިފެހެއްޓި ބާންލީއަށް 22 މެޗުން 14 ޕޮއިންޓާއެކު ލިބެނީ ލީގު ތާވަލުގެ 19 ވަނައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ލިވަޕޫލުން އެންމެފަހުން ޕްރިމިއަރ ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.