ޚަބަރު

އުޅެނީ ފިޓްނަސްއާއި ނިންމާނުލެވުމުގެ މައްސަލަ: އާތިފް


ރާއްޖޭގެ ޤައުމީ އަންހެން ފުޓްސަލް ޓީމަށް މިހާރު ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ މެޗު ތެރެއިން ލިބޭ ފުރުސަތުތައް ނިންމާނުލެވުމުގެ މައްސަތަކަމަށް ކޯޗު އާތިފް މުހައްމަދު (އާތީ) ބުނެފިއެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ޕާކިސްތާނާ ދެކޮޅަށް ކުޅެ ފަރަގުކުޑަ ނަތީޖާއަކުން ބަލިވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އާތިފް ވަނީ، ޓީމަށް ފިޓްނަސްގެ މައްސަލަތަކާއި ރިކަވާ ވުމަށް ވަގުތު ނުލިބުމުގެ މައްސަލަ ނުލިބޭކަން ފާހަގަކޮށްފައެވެ.

"މީގަ އެންމެ މުހިންމު ކަމަކަށް ފާހަގަކުރެވުނީ ލިބުނު ދުވަސްކޮޅު މަދުވުން. އެއީ ފިޓްނަސް މީގަ އެބަ ބޭނުންވޭ ފުދޭވަރަކަށް. އިންޓެންސިޓީ ހައިވީމަ އަނެއްކާ އޭތި އައިސް އިންޑޯއަށް ބަދަލުވީމަ، އިންޑޯއަށް އާވުމާ. އެކަހަލަ ކަންކަން ހުރީމަ މިއުޅެނީ އުނދަގޫވެގެން. އެއާ އެއްކޮށް މި ލިބެނީ އެއް ދުވަހުގެ ބްރޭކެއް. ރިކަވަރީ ރަނގަޅަށް ނުވެ އަނެއްކާވެސް މެޗަށް މި އަންނަނީ. އެހެންވީމަ އެ ތަންކޮޅު މި ދައްކަނީ މިހާރު". ޓީމަށް މިވަގުތު ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އާތިފް ބުންޏެވެ.

ޓީމުން މިހާރު ކުޅުން ވަރަށް ބޮޑުތަނުން ރަނގަޅުކޮށްފައިވާކަން ފާހަގަކޮށް އާތިފް އިތުރަށް ބުނީ، ޓީމަށް މެޗުތެރެއިން މިހާރު ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފޭ މައްސަލަ ކަމަށެވެ.

"މިހާރު ހަމަ ދެން އެންމެ ބޮޑަށް ފާހަގަކުރެވެނީ ފިނިޝިން. އެބަ ލިބޭ ޗާންސް. މިހާރު ލިބޭ. ޕާކިސްތާނާ ދެކޮޅަށް ފުރަތަމަ ހާފުގައި ވެސް ވަރަށް ރަނގަޅަށް ޗާންސް ތަކެއް ލިބިގެންދިޔަ. އެހެންނަމަވެސް އޭތި ނިންމާނުލެވުމުގެ ސަބަބުން، ދެވަނަ ހާފުގައި ވެސް. ދެން ދެވަނަ ހާފުގައި ތަންކޮޅެއް އަވަހަށް އަމިއްލަ ކޮޅަށް އެއްޗެއް ވަދެފައި މިވަނީ". ޓީމުން ރަނގަޅުކުރަން ޖެހޭ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަމުން އާތިފް ބުންޏެވެ.

ކަން މިހެން އޮތް ނަމަވެސް، ޕާކިސްތާނާ ދެކޮޅަށް ރާއްޖޭގެ ކުޅުންތެރިން، ޓީމެއްގެ ގޮތުގައި މޮޅު ކުޅުމެއް ދެއްކި ކަމަށާއި އެއީ ފާޙަގަކުރަންޖެހޭ ކަމެއްކަމަށް އާތިފް ބުންޏެވެ. ކުރިއަށް ހުރި މެޗުތަކުގައި މިއަށް ވުރެ ޓީމުގެ ކުޅުން ރަނގަޅުވާނެކަމަށް ވެސް އާތިފް ބުންޏެވެ.

ޓީމުގެ ކުޅުން ރަނގަޅުވަމުން އަންނާތީ އެކަމާ މެދު ހިތްހަމަޖެހޭކަން ކޯޗު އާތިފް ފާޙަގަކުރިއިރު، ރާއްޖޭގެ ފުޓުބޯޅައިގެ ތަޖުރިބާކާރުން ވެސް އަންނަނީ، ދިވެހި ކުޅުންތެރިންގެ ފަރާތުން ފެންނަމުންދާ ކުރިއެރުން ފާހަގަކޮށް، އެކަމަށް ތައުރީފުކުރަމުންނެވެ.