ޚަބަރު

ގޯލްޑަން ފުޓްސަލް: އއ. ގެ ފައިނަލުގެ ފުރަތަމަ ޖާގަ މަތިވެރިއަށް


ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އއ. އަތޮޅުގެ ފައިނަލުގެ ފުރަތަމަ ޖާގަ މަތިވެރިން ހޯދައިފިއެވެ.

ފަސް ޓީމު ހިމެނޭ މުބާރާތުގެ އއ. އަތޮޅުގެ ގުރޫޕުގައި ހަތަރު މެޗު ކުޅެފައިވާ ހަމައެކަނި ޓީމަކީ މަތިވެރިއެވެ. ބާކީ ހަތަރު ޓީމުން އަދި ކުޅުނީ ތިން މެޗެވެ.

މަތިވެރިން މުބާރާތުގެ އަތޮޅު ފައިނަލް ޔަގީންކޮށްފައި ވަނީ ކުޅުނު ފަހު މެޗުގައި 3-2 އިން ބޮޑުފޮޅުދޫ ބަލިކޮށްގެންނެވެ.

މެޗުގައި މަތިވެރީގެ ލަނޑުތައް ޖަހައިދިނީ އަލީ އަލްސަންއާއި މުޙައްމަދު ޝަފްރާޒެވެ. އަލްސަން ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ. ބޮޑުފޮޅުދޫގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު މާއިންއާއި މުޙައްމަދު ސިރުހާނެވެ.

މި ގުރޫޕުގައި ރޭ ހިމަންދޫއާއި މާޅޮހުގެ ކުރިމަތިލުން ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

މެޗުގައި މާޅޮހުގެ ލަނޑުތައް ޖަހައިދިނީ އަލީ ސިޔާމާއި އަލީ ފަލާޙެވެ. ސިޔާމް ވަނީ ދެލަނޑު ޖަހާފައެވެ. ހިމަންދޫގެތިން ލަނޑު ވެސް ކާމިޔާބުކޮށް، އިބްރާޙީމް އިޚްލާސް އާދަމް ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިޚްލާސްއެވެ.

މި ނަތީޖާތަކާއެކު މަތިވެރި ގުރޫޕުގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓު ހޯދާފައިވާ ހިމަންދޫއެވެ. ތިން ވަނައިގައި އޮތް ބޮޑުފޮޅުދޫ އާއި ހަތަރެއްގައި އޮތް ތޮއްޑޫ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް މާޅޮހަށް ދެ ޕޮއިންޓް ލިބިފައިވެ އެވެ.

މި އަތޮޅުގެ ފައިނަލުގެ ދެވަނަ ޖާގަ ލިބޭ ޓީމެއް އިނގޭނީ މި މަހުގެ 20 ވަނަ ދުވަހު ކުޅޭ މި އަތޮޅުގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުތަކަށްފަހުއެވެ.