ޚަބަރު

ބަލްމާ ބޯޓު ބަންޑުންޖަހާލުން: ބިދޭސީ މީހާ އަދިވެސް ނުފެނޭ


  • ބޯޓު ބަންޑުންޖަހާލީ މިއަދު ހެނދުނު 7:27 ހާއިރު

  • ދިވެހި މީހާގެ ހަށިގަނޑު ވަނީ ޕޮލިސް ހެޑްކުއާޓާސްއާ ހަވާޅުކޮށްފައި

ބަލްމާ-6 ބޯޓު ބަންޑުންޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ 2 މީހުންގެ ތެރެއިން އެކަކު ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

މި ބޯޓު ބަންޑުންޖަހާލީ މިއަދު ހެނދުނު 7:27 ހާއިރުއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، އެބޯޓު ތާޖު އެގްޒޯޓިކާ ރިޒޯޓު ކައިރިރިއަށް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއާއި ކޯސްޓުގާޑް ޑައިވަރުންގެ ޓީމެއް އެސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަކަމަށެވެ.

ބޯޓު ބަންޑުންޖަހާލުމާ ގުޅިގެން ހޯދަމުން ދިޔައީ ދިވެއްސަކާ ބަންގްލަދޭޝްއަށް ނިސްބަތްވާ 2 މީހުންނެވެ. މީގެތެރެއިން ދިވެހި މީހާގެ ހަށިގަނޑު މިހާރު ފެނިފައިވާއިރު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. ދިވެހި މީހާގެ ހަށިގަނޑު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

ބަލްމާ-6 ބޯޓު ބަންޑުންޖަހާލީ ހުޅުމާލެއިން ފުރައިގެން ދޮންމާގަށް ދަތުރުކުރަމުންދަނިކޮށެވެ. މި ބޯޓުން 4 މީހުން ދަތުރުކުރިކަމަށާއި، އޭގެތެރެއިން 2 މީހަކު އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާދާތީ، ދަތުރުވެރިން ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވަނީ ޢިލްތިމާސްކުރައްވާފައެވެ. މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހުޅަނގަށް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މަޢުލޫމާތު ދެއްވައެވެ.