ފީފާ ވޯލްޑްކަޕް26ގެ ފައިނަލް މެޗް ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް، ވިސާ އާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ފަށައިފިއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ބީއެމްއެލް ވިސާ ކާޑު ކަސްޓަމަރުންނަށެވެ.
ވިސާއާއި ގުޅިގެން ބީއެމްއެލްއިން ކުރިއަށްގެންދާ، ފީފާ ވޯލްޑްކަޕް26ގެ ފައިނަލް މެޗް ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަން ކުރިއަށްދާނީ، މިމަހުގެ 18އިން އޭޕްރިލްމަހުގެ 15އާ ހަމައަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބީއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ރަޖިސްޓަރވާންޖެހޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބީއެމްއެލްއިން ވިދާޅުވީ، މި ޕްރޮމޯޝަނުގެ މުއްދަތުގައި، ޕްރޮމޯޝަނުގައި ބީއެމްއެލްގެ ޕޮއިންޓް އޮފް ސޭލް ޓަރމިނަލްތަކުން، ސްޓެޓިކް ކިއުއާރު ނުވަތަ ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް މަހެއްގެ މައްޗަށް 15،000 ރުފިޔާ ބީއެމްއެލް ވިސާ ކްރެޑިޓް ނުވަތަ ޑެބިޓް ކާޑު މެދުވެރިކޮށް ހޭދަކުރުމުން ގުރުއަތުގައި ހިމެނޭނެކަމަށެވެ.
ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޝަރުތު ހަމަވާ އަދަދުގެ އިތުރުން، ކަސްޓަމަރުން 15،000 ރުފިޔާއަށް ވުރެ އިތުރަށް ހޭދަކުރާ ކޮންމެ ފަހަރަކު ލަކީޑްރޯއިން ހޮވުމުގެ ފުރުސަތު އިތުރުވެގެންދާނެކަމަށްވެސް ބީއެމްއެލްއިން ވިދާޅުވިއެވެ.
މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ އެއް ފަރާތަކަށާއި އެ ފަރާތަކުން އިޚުތިޔާރުކުރާ މީހަކާއެކު ފީފާ ވޯލްޑްކަޕް ފައިނަލް މެޗް ބަލާލަން ދިއުމަށް ފްލައިޓް ދެކޮޅު ޓިކެޓާއި، ހުރުމުގެ ޚަރަދުގެ އިތުރުން ފައިނަލް މެޗްގެ ދެ ޓިކެޓް ލިބޭނެއެވެ.
ބީއެމްއެލްއިން އަންނަނީ ވިސާ ކްލެސިކް، ގޯލްޑް، ޕްލެޓިނަމްގެ އިތުރުން، ވިސާ އިންފިނިޓް ކްރެޑިޓް ކާޑުތަކާ އެކު ކްލާސިކް ޑެބިޓް، ޕްލެޓިނަމް ޑެބިޓް ކާޑުވެސް ދޫކުރަމުންނެވެ.